ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި ޑިސެމްބަރު 22 ވަނަ ދުވަހު އިހުތިޖާޖު ކޮށްފައި ވަނިކޮށް، ހއ. އިހަވަންދޫ މަސްވެރި ޢާއިލާތައް ވެސް ވަނީ ޑިސެމްބަރު 25 ވަނަ ދުވަހު، އިހަވަންދޫ ބަނދަރު ސަރަޙައްދުގައި އިހުތިޖާޖުކޮށްފައެވެ.
އޭގެ ތެރެއިން އެއް މަސްވެރިއަކީ އިހަވަންދޫ ''މާވެހި'' ދޯންޏަށް ނިސްބަތްވާ މަސްވެރިއެއްކަމަށްވާ މުޙައްމަދު ސައީދެވެ. މަސްވެރިން މިހާރު ފަށާފައިވާ އިހުތިޖާޖުތައް ރާވާ ހިންގުމުގައި އުތުރުގެ މަސްވެރިންގެ ތެރެއިން ސައީދަކީ އެންމެ އިސްކޮށްއުޅޭ އެކަކެވެ.
މަސްވެރިންގެ ޝަކުވާތަކާއި، ޝުޢޫރުތައް ސައީދު ބަންޑުންކޮށްލީ މާނަފުން ގޮތަކަށެވެ. ސަރުކާރުތަކުން މަސްވެރިންނަށް ވަމުންދާ އިޙްމާލަށް ނިމުމެއްކަމަށް ބުނަމުންނެވެ.
''މިއަދު އަޅުގަނޑުމެން ދިވެހި މަސްވެރިން މިތިބީ ކަށި ކުނބުރު ޖަންގައްޔެއްގައި، އެ ޖަންގަލިން ހެރެމުންދާ ކަށިތަކުން އަޅުގަނޑުމެންގެ ގައިން ލޭ އޮހޮރި މިދަނީ ހަނާ ވަމުން އިނގޭތޯ''
ސައީދު ބުންޏެވެ.
ސައީދު ބުނީ ސަރުކާރު ތަކުން މަސްވެރިންނަށް ދައްކަނީ ''ދަޅަ'' ކަމަށެވެ. ވޯޓު ހޯދަންވީމައި މޮޅެތި ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ވެރިކަމަށް އާދެވުނީމައި މަސްވެރިން މަތިން ހަނދާން ނުހުންނަ ކަމަށެވެ.
''އަނިޔާވެރިކަމޭ ކިޔައިގެން ވެސް ނުކުމެ މި ސަރުކާރު ގެންނަން މަސްވެރިން މަސައްކަތްކޮށް ވޯޓު ދިނީ މަސްވެރިންނަށް ވީ ވަޢުދުތަކުން، މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ބުނެގެން، އެކަންކަން ނުކޮށް ހަމައަގު ދީފީމޭ، މިވެނި ވަރަކަށް ޚަރަދު ކުރެވިއްޖޭ، މިވެނި ވަރަކަށް ފައިސާ ދެވެއޭ އެ ބުނަނީ މަސްވެރިންނަށް ކުރާ މަލާމާތެއް''
ސައީދު ބުންޏެވެ. ސައީދުގެ ޝުޢޫރުތައް ނުނިމެއެވެ.
''އިހަވަންދޫ މަސްވެރިންނަށް ބަލައިލާކަމަށް ވަންޏާ ފާއިތުވި ދެތިން އަހަރު މިތިބީ ބޮޑުކަންނެލި މަސްވެރިކަމުގައި، އަނބުރާ ދޮށީގެ މަސްވެރިކަމަށް ވަތްފަހުން އަހަރެއްމިވީ، ދެން އަޅުގަނޑުމެންނަށް އެބުނާ ފައިސާ ނުލިބޭކަން އެނގެނީ، ވަޢުދުތައް ނުފުދޭ ކަމަށް ބުނަންޖެހެނީ ވަޢުދުތަކާއި އެއްގޮތަށް އަމަލު ނުހުންނާތީ، އެހެންވެ މުޅިރާއްޖޭގެ ހުރިހާ މަސްވެރިން މިނުކުތީ ހައްޤުތައް ހޯދަން، ސަރުކާރަށް ވަގުތުކޮޅެއް ދީގެން މިތިބީ، އަނެއްކާ މުޅިރާއްޖޭގައި ކުރާ އިހުތިޖާޖަކަށް މި ދަނީ ތައްޔާރުވަމުން''
ސައީދު ބުންޏެވެ.
ޑިސެމްބަރު 25 ވަނަ ދުވަހު، އިހަވަންދޫ ބަނދަރު ސަރަޙައްދުގައި މަސްވެރިންކުރި އިހުތިޖާޖުގެ ތެރެއިން
މަސްވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު، ޒަހާ ވަޙީދާއިމެދު ވެސް ސައީދު ހުރީ ވަރަށް ނުތަނަވަސްވެފައެވެ.
''މަސްވެރިންގެ އުދާސްތައް އަޑުއަހައި، މަސްވެރިންގެ ހައްގުތައް ހޯދައިދޭކަށް ޒަހާ ވަޙީދު މާބޮޑު މަސައްކަތެއް ނުކުރަށްވާ، އޭނާގެ މަސައްކަތްޕުޅަކީ އެމްއާރުއެމް ރިފޯމް ކުރުން، އިސްތިައުފާދެއްވާފައި އެ ޕާޓީގެ މަސައްކަތުގައި އުޅުއްވިއްޔާ މާ ރަނގަޅުވާނެ''
ސައީދު ބުންޏެވެ.
ސައީދު ބުނީ، މަސްވެރިންތިބީ ވަރަށް ނާއުންމީދު ވެފައި ކަމަށާއި، މުޅިރާއްޖޭގައި ކުރާ އިހުތިޖާޖަކަށް މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެ އިހުތިޖާޖު ބާއްވާނެ ތާރީޚެއް އަދި ކަނޑަނޭޅި ނަމަވެސް، އެ އިހުތިޖާޖު ކުރާނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ. މިގޮތުން އުތުރުގެ މަސްވެރިން އެ އިހުތިޖާޖުގައި އެއްވާނީ ށ. ކީކިމިނި ސަރަޙައްދަށް ކަމަށާއި، މެދުރާއްޖެ ތެރޭގެ މަސްވެރިން އެއްވާނީ ފެލިވަރު ސަރަޙައްދަށް ކަމަށް އޭނާ ބުންޏެވެ. އަދި ދެކުނުގެ މަސްވެރިން އެއްވާނީ ކޫއްޑޫ ސަރަޙައްދަށް ކަމަށް އޭނާ ބުންޏެވެ.
ދިވެހި ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިން އިސްވެ، މިފަދައިން ކަންބޮޑުވުންތައްފާޅުކޮށް އަޑުއުފުލަން ފަށާފައިވާއިރު، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއް މިވަނީ މަސްވެރިންނަށް ދޫކުރެވިފައި.''
ރައީސް ވިދާޅުވެފައިވެއެވެ.
އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!