މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީގެ 15 އަހަރުކުރިން ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިޘާގެ ހަނދާންތައް އައުކުރައްވާ، އެ ކަޅު، އަނދިރި، ނާމާން ދުވަހު ވަކިވެގެންދިޔަ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ނައިބު ރައީސް ފައިޞަލް، ދުޢާ ދެންނެވިއެވެ.
މީގެއިތުރުން އެ ކާރިޘާއާ ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރަށްވާފައެވެ.
މިގޮތުން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، އަޅުގަނޑުމެން މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައެވެ. އަދި، އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކުރެވޭނީ، އަދި ތަރައްޤީ ހާސިލުކުރެވޭނީ، އަދި އަމާން ޤައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ.
ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމަށާއި، ނަމަވެސް، ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރައްޔިތުންނަށް ގޮވައިލައްވާފައެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން މަނިކުފާނު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި، ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކަމުގައެވެ. އަދި، އަޚުވަންތަކަށް އިސްކޮށްގެން ނޫނީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވިލިނގިއްޔަށް ލިބުނު ގެއްލުމާއި، އެ ކާރިޘާއާ ގުޅިގެން އެ ރަށުގެ ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ރޫޙު ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަންއެއް މި ޖަލްސާގައި ދައްކާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!