ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް، އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ބޮޑުތިލަދުންމަތީގެ މައި ސަރަޙައްދީ ހޮސްޕިޓަލް، ކޭއާރްއެޗްއިން ބުނީ މާލެ ފިޔަވައި ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑު މީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ. އަތޮޅު ކަމަށެވެ.

Ad
rt

މީގެއިތުރުން ހއ، ހދ، ށ އަތޮޅު ހިމެނޭ ގޮތަށް މި ސަރަހައްދުގައި މާބަނޑު މީހުންގެ ނިސްބަތް ވަރަށް މަތި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

''ލޮކްޑައުންއާ ގުޅިގެން މާލެ ލޮކްޑައުން އަކަށް ގޮސްފައިވާތީ، ދުރު އަތޮޅުތަކުން ދަތުރު ކުރާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު، ސްކޭން އަދި އެހެނިހެން ސްޕެޝާލިޓީސްގެ އެޕޮއިންޓްމަންޓް ބޭނުންވާ މީހުންގެ އަދަދު މި ވަނީ ބޮޑުތަނުން އިތުރުވެފައި.''

ކޭއާރްއެޗްއިން ބުންޏެވެ.

''އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެ! އަދި މިކަމުގެ ލުއި ފަސޭހަ ރައްޔިތުންނަށް ލިބިގެން ދާނެ.''

ކޭއާރްއެޗްއިން އިތުރަށް ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނާއި، ކޯވިޑްގެ ސަބަބުން އުތުރުގެ އެހެން ގިނަ ރަށްތަކެއްގެ ރައްޔިތުން ވެސް ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.