ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ބޮނބިތެޅުމުގެ ޚިދުމަތް 23 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އަލުން ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ބޮނބިތެޅުމުގެ ޚިދުމަތް ދެމުންގެންދާނީ ރަށްކޮޅު ގޯތިން (ކުރީގެ އައިލެންޑް އެކްސްޕާޓް ސައިޓް އިމާރާތް) ކަމުގައި ވެސް އެކައުންސިލުން ބުނެފައިވެއެވެ،

Ad
rt

ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ބޮނބިތެޅުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން މި ގަޑިތަކުގައި މަރުކަޒަށް ވަޑައިގަތުމުން ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް އެކައުންސިލުން ބުނެއެވެ.

ކައުންސިލުން މިޚިދުމަތް އަލުން ފެށިއިރު އަގުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސް ފައެވެ. އެގޮތުން 38 ގިލަނުގެ ޓައްޕެއްގެ ބޮނބި -/20ރ (ވިހި ރުފިޔާ)، 28 ގިލަނުގެ ޓައްޕެއްގެ ބޮނބި -/15ރ (ފަނަރަ ރުފިޔާ) އަދި 21 ގިލަނުގެ ޓައްޕެއްގެ ބޮނބި -/10ރ (ދިހަ ރުފިޔާ) އަށެވެ.

ބޮނބިކުނޑި ވިއްކާ އަގުތަކަކީ ބަސްތާއެއް -/50ރ (ފަންސާސް ރުފިޔާ) އަށެވެ. 10 ބަސްތާ ނަގާނަމަ ބަސްތާއެއް -/40ރ (ސާޅީސް ރުފިޔާ) ވިއްކާނެކަމަށް އެކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާކުރެއްވި ބޮނބިނަރު އުފައްދާ މެޝިންގެ ހިދުމަތް ދޭންފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

މިމެޝިނަކީ ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާ، ބޮނބި ކުޑި ވަކިކޮށްދޭ މެޝިނެކެވެ. އަދި މިއީ ދުވާލަކު 6000 ބޮނބިން، ނަރު އުފެއްދުމުގެ ގާބިލުކަން ހުރި މެޝިނެކެވެ. ރޯނު ވެށުމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކަށް މިމެޝިނުގެ ސަބަބުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދެއެވެ.

ނަޝީދު މި މެޝިން ހަދިޔާކުރެއްވީ ކުޅުދުއްފުށީގައި ރޯނުވަށާ މީހުން، ބޮނބި ފާކުރުމަށް ބޭނުންކުރަމުން ދިޔަ އެރަށުގެ ކުޅީގެ ބޮޑުބައެއް އެރަށުގައި އެއާޕޯޓް ހެދުމަށް ހިއްކުމާ ގުޅިގެން ރޯނު ވަށާ މީހުންނަށް ބޮނބި ފާކުރުމަށް ދަތިތަކަކާ ކުރިމަތިވެ، އެމީހުން ދިރިއުޅުމަށް ކުރަމުން ދިޔަ އެ މަސައްކަތަށް ހުއްޓުމެއް އައިސްފާނެތީ އެކަމަށް ހައްލެއް ހޯދުމަށެވެ.