މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ބޯހިޔާވަހި ކަމާއިގުޅޭ ދިރާސާއެއް ފަށައިފިއެވެ.

މި ދިރާސާއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ ދިރާސާއެކެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީން ބުނީ، މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ވާރލްޑް ބޭންކުގެ ހިލޭއެހީއާއި ލޯނުގެ ދަށުން އެ މިނިސްޓްރީއިން ތަންފީޒު ކުރާ މަޝްރޫއުއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ދިރާސާގެ މަސައްކަތް ރާއްޖޭގެ އެކިއަތޮޅުތަކުން ރަށްރަށުގައި 20 ޑިސެމްބަރ 2020 އިން ފެށިގެން 28 ފެބްރުއަރީ 2020 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި، ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެގޮތްތައް
ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ، މި ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދާ ހޯދުންތައް ކަމަށެވެ. އަދި ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޝާއިޢުއެއް ނުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ، މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ފޯން ސާރވޭއަކާއި، އަދި މިކަމާއި ގުޅުންހުރި މީހުންނާއިއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައި ކަމަށެވެ.

މީގެ އިތުރުން މި ދިރާސާއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާރވޭކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ސާރވޭއެއް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ.