ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި ފަހު ރަށެއްގެ ގޮތުން ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުމާއި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ.

އެހަރަކާތްތައް ހިންގުމަށް އިއްޔެ އިހަވަންދޫއަށް އެންއެންޑީއެފްގެ ޓީމު ދިޔުމުން އެހެން ރަށްރަށެކޭ ވެސް އެއްފަދައިން އިހަވަންދޫ ރައްޔިތުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެންއެންޑީއެފުން ވެސް ވަނީ އެކަން ފާހަގަ ކުރަށްވާފައެވެ.

Ad
rt

އިހަވަންދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. އަދި އެރަށުގައި ހަވާއެރުވުން އޮތީ މިރޭ 20:00 ހާއިރުއެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ކުދި ބޮޑު ރައްޔިތުން ވަނީ ނުކުމެފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދިޔައިރު، 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުން އިއްޔެ އިހަވަންދޫގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމި އުތުރުގެ އަނެއް 2 ރަށް ކަމަށްވާ، ކުޅުދުއްފުށީގައި އެހަރަކާތްތައް ކުރިއަށް ގެންދެވީ ބުރާސްފަތި ދުވަހާއި، އެރެއެވެ. އަދި ދިއްދޫގައި އެހަރަކާތްތައް ކުރިއަށް ގެންދެވީ ހުކުރު ދުވަހާއި، އެރެއެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ. އެހެންނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބައްލަވާލެއްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެންނެވެ.