ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2020" ފަށައިފިއެވެ.
18 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔޫތު ފްރެންޑްސް އާއި ޓީމް ޔުނީފޯމެވެ. މި މެޗެ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއިންނެވެ.
ފުރަތަމަ ހާފުގައި ޔޫތު ފްރެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ފުރަތަމަ ހާފުގައި ވަނީ ފަސް ލަނޑު ޖަހާފައި ވެއެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމުގެ ފޯވާޑް އަޙްމަދު ޚަލީލް ކާމިޔާބު ކޮށްދީފައިވާއިރު އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މިޑްފީލްޑަރ ޖާދުﷲ އަލީގެ އިތުރުން، އެ ޓީމުގެ ފޯވާޑް ކުޅުންތެރިޔާ އާދަމް އިބްރާހީމްއެވެ.
މެޗުގެ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ޔޫތު ފުރެންޑްސްގެ ހަސަން ޝާހިދު ކާމިޔާބުކުރި ލަނޑާއިއެކު ހަ ލަނޑުގެ ލީޑެއް އެ ޓީމަށް ލިބިގެން ދިޔައެވެ. މެޗުގައި ޔުނީފޯމު ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންސް ކުޅުންތެރިޔާ އަޙްމަދު ޒަރީރެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު ފްރެންޑްސް ޓީމަށް ތިން ލަނޑު ޖަހައި ހެޓްރިކްހެދި އެ ޓީމުގެ ފޯވާޑް އަޙްމަދު ޚަލީލްއެވެ.
މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ރަށުގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ. މިބާރާތް ފައްޓަވައި ދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުލް ސަލާމްއަލީއެވެ.
މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމް ތަކަކީ ޔޫތު ފުރެންޑްސް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާރސް، ރޫޙް އަދި ޝީލްޑެވެ. މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބިގެން ދާނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަދި ތިންވަނަ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 5 ޖަނަވަރީ 2021 ގައެވެ.
މި މުބާރާތުގެ މެޗެއް 19 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ރިއަލް ސްޓާރސް އަދި އަހުލީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!