ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުށީގައި ބާއްވައި، އެރަށުގައި ހަވާ އަރުވައިފިއެވެ.

އިއްޔެ ކުޅުދުދުއްފުށީގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރުއެވެ. ހަވާއެރުވުން އޮތީ ރޭގައެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް ކުޅުދުއްފުށީގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ.

Ad
rt

ޝަރަފްގެ ހިނގާލުން މިއަދު އޮންނާނީ ހއ. ދިއްދޫގަ އެވެ. ދިއްދޫގައި ހިނގާލުން އޮންނާނީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. ހަވާއަރުވާނީ މިރޭ 20:00ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން ހއ. އިހަވަންދޫގައި ހިނގާލުން މާދަމާ އޮންނާނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދާއިރު، 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ. އެހެންނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބައްލަވާލެއްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެންނެވެ.