ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

155744D7-E4D3-4331-A814-871FFC22B994

މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ކަންނެލީގެ މަސްވެރިކަމެވެ. ފާނަ މަސްވެރިކަމާއި، ހުއިފިލަނޑާގެ ވިޔަފާރީގެ އިތުރުން އިހިވެރިކަމެވެ.

ދިވެހިންގެ އިޤްތިޞާދުގެ ލޭނާރު މަސްވެރިކަމުން ޓުއަރިޒަމަށް ބަދަލުވެ، ދިވެހިން ކަނޑުފަޅުތަކުން ކުރަމުންއައި ބައެއް ކަހަލަ މަސްވެރިކަމުގެ ވިޔަފާރި މިއަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހާއްސަކޮސް ހުއިފިލަނޑާގެ ވިޔަފާރިއާއި ފާނައިގެ ވިޔަފާރިއާއި އިހީގެ ވިޔަފާރިއެވެ. ވިޔަފާރި ދައްވެ ކުރިއަށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން މި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތައް މިވަނީ ކުރިޔާއިއަޅާ ބަލާއިރު ވަރަށް ބޮޑުތަނުން މަދުވެފައެވެ.

ހދ.ނެއްލައިދޫއަކީ މިހާރު ހދ އަތޮޅުގައި ހުއިފިލަނޑާނަގައި އޭގެން އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ރަށެވެ. އެ ރަށުގައި ލަނޑާނެގުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ޒިޔާދުއަކީ މި މަސައްކަތުގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ.

ގޮންޖެހުންތަކާއިއެކު ވެސް ހުއިފިލަނޑާގެ ވިޔަފާރީގައި ފާއިތުވި ފަނަރަ އަހަރު  މެދުކެނޑުމެއްނެތި ހޭދަކޮށްފައިވާ ޒިޔާދު ފާހަގަ ކުރާ ގޮތުގައި މި މަސައްކަތަކީ އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމުގައި ގޮންޖެހުންތައް ބޮޑެވެ.

"ގޮންޖެހުންތަކާއިއެކު ވެސް ހުއިފިލަނޑާގެ މަސްވެރިކަން އެބަ ކުރެވޭ ހުއްޓާނުލާ، ނަމަވެސް ފާނަ މަސްވެރިކަމާއި، އިހިވެރިކަން މިހާރު ވަނީ އެއްކޮށްހެން ހުއްޓިފައި، ވިއްކޭނެ ގޮތެއްނެތް"

ޒިޔާދުއަކީ ކުރިން ފާނަ މަސްވެރިކަމުގައި ވެސް ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. އެ މަސައްކަތް ހުއްޓުނީ އެތަކެތި ވިއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށް އޭނާ ބުނެފައިވެއެވެ. އިހި މިހާރުވެސް ނަގާ ކަމަށާއި ނަމަވެސް އިހި ވިއްކޭނެ އެއްވެސް ގޮތެއްވެސް ނެތުމުގެ ސަބަބުން ގިނަ އަދަދަކަށް އިހި މިހާރު ވެސް ފްރިޖްކޮށްފައި ބަހައްޓާފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ޒިޔާދު ބުނެފައިވެއެވެ. ޒިޔާދު މިހާރުވެސް އަންނަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ހުއިފިލަނޑާ ގަންނަމުންނެވެ.

ކޯވިޑްއާއި ގުޅިގެން ޓްއަރިޒަމް ހުއްޓުމަކަށް ދިޔުމުގެ ކުރިން ޓްއަރިޒަމްގެ ތެރެއިން ވެސް އިހި ވިއްކޭނެ ގޮތްތަކެއް ފެނިފައިނުވާ ކަމަށާއި، ހދ އަތޮޅުގައި ޓްއަރިޒަމް ދައްވުމުގެ ސަބަބުން އެ ފުރުޞަތުތައް ވެސް ނެތީކަމަށް ޒިޔާދު ފާހަގަކޮށްފައިވެއެވެ.

ކޯވިޑް ބަލިމަޑު ކަމާއި ގުޅިގެން ރާއްޖޭގެ ޓްއަރިޒަމް އެއްކޮށް ހުއްޓުމަކަށް ދިޔަ ދަނޑިވަޅުގައިވެސް ހުއްޓުމެއްނެތި ކުރެވުނު މަސައްކަތަކީ ތަފާތު މަސްވެރިކަމުގެ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. މިގޮތުން ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ވަޒީފާގެއްލުނު ނެއްލައިދޫގެ އެތައް ޒުވާނުންނެއް މިހާރު ވެސް ހުފިލަނޑާ ނެގުމުގެ މަސައްކަތުގައި އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ޒިޔާދު ފާހަގަ ކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދުގައި ރަންބިސް އަޅާ ކުކުޅަށް ޓްއަރިޒަމް ވެގެންދިޔައީ ސަރުކާރުތަކުން އެކަމަށް އިސްކަމެއް ދީގެން ކުރި މަސައްކަތުންނެވެ. ރަންބިސްއަޅާ ކުކުޅުގެ ގޮތުގައި މަސްވެރިކަން ބޭއްވުމަށް އިސްކަމެއް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިން އެ ކަނޑުފަޅުތަކުން ހޯދަމުންއައި މަންފާ ދަށްވެގެން ދިޔައީއެވެ.

މަސްވެރިކަމުގެ ދުވަހެއް ފާހަގަކޮށް ދުވަހަށް ހާއްސަ ލަވައެއް ހަދާލައި ޖަލްސާއެއް ބޭއްވުމަކުން ނުފުދޭކަމަށާއި، ނުވަދިހަނުވަ އިންސައްތަ ކަނޑު އޮންނަ މި ޤައުމުގެ ކަނޑުފަޅާއި ފަރުތަކުގެ މަންފާއާއި ގުޅިފައިވާ އިއްސާއި ފާނައާއި ހުއިފިލަނޑާގެ ވިޔަފާރި ފަދަ ވިޔަފާރިތަށް ކުރިއަރުވާ ފުޅާކުރުމަށް މިހާރަށްވުރެ އިސްކަމެއް ދޭންޖެހޭ ކަމުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.