ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫ ކައުންސިލާއު ގުޅިގެން "ހަމަރޯޅި ކުރި ފުޓްސަލް ޓޯނަމެންޓް 2020" ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
އިހަވަންދޫ ގެ ކުޑަކުދިންގެ ތެރެއިން 16 އަހަރުން ދަށުގެ އުމުރުފުރާ އަދި 13 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭގޮތުން ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް 08 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު އިހަވަންދޫ ފުޓްސަލް ދަނޑުގައި ވަނީ ފަށާފައެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު 13 އަހަރުން ދަށުގެ އުމުރުފުރާގެ ދެ މެޗް ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ކޮފަލި އަދި އެންވީކޭއެވެ. މި މެޗު 6-1 ގެ ނަތީޖާއަކުން އެންވީކޭ ކާމިޔާބު ކޮށްފައިވާއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންވީކޭ ޓީމް ގެ ޖޯޒީ ނަމްބަރ 7 އަލީ ނާއިޝް އަޙްމަދެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ސެންސިޓީ ލިޓްލް އަދި ޓީމް ޗާލީއެވެ.
މި މެޗު 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޗާލީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗާލީ ޓީމްގެ ޖޯޒީ ނަމްބަރ 11 މާލިކް އައްސަދެވެ.
މި މުބާރާތުގެ 13 އަހަރުންގެ ދަށުގެ އުމުރު ފުރާގައި ވަނީ ހަ ޓީމަކުން ބައިވެރިވެފައެވެ. އެ ޓީމަތަކަކީ ކޯފަލި، އެންވީކޭ، ޗާލީ، ސެންސިޓީ ލިޓްލް، ބޮޑުމަގު އަދި ޖަންގަލްއެވެ. މި މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމަތަކަކީ ޖަންގަލް، އެންވީކޭ، ބޮޑުމަގު އަދި ސެންސިޓީ ޖޫނިއާއެވެ.
މި މުބާރާތް ދެ އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ކޮންމެ އުމުރު ފުރާއެއްގެ ވެސް ފައިނަލުގެ ޖާގަ ލިބިގެންދާނީ އެ އުމުރުފުރާއެއްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. މި މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލް މެޗު 16 ޑިސެމްބަރ 2020 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، 13 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 17 ޑިސެމްބަރ 2020 ގައެވެ.
މި މުބާރާތަކީ އިހަވަންދޫގެ ކުޑަކުދިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ
ފްޓްސަލް ކުޅުންތެރިން އުފެއްދުމުގެ އިތުރުން އިހަވަންދޫގެ ކުޑަކުދިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި، ކުލަބް ޕޯލްސްޓަރ އިން ރާވާ ހިންގާ މުބާރާތެކެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އިހަވަންދޫގައި ކޮސްމެޓިކްސް އާއި ބަދިގޭ ސާމާނުގެ އިތުރުން ތަރުކާރީއާއި މޭވާގެ ވިޔަފާރި ކުރަމުން އަންނަ ފިހާރައެއް ކަމުގައިވާ ހަމަރޯޅި ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!