ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ''ސާރާއާއިއެކު މަކުނުދޫ'' ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ.

މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

ޑިސެމްބަރު 1 އިން 5 އަށް އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދިޔަ މިހަރަކާތުން ލިބުނު ފައިސާ މިއަދު ވަނީ ސާރާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ. މިގޮތުން މި ހަރަކާތުން ލިބުނު އެހީގެ ގޮތުގައި 146،785.45 ދިވެހި ރުފިޔާއާއި ،100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ވަނީ ސާރާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ.

އެ އެހީތެރިކަން އެ ޢާއިލާއަށް ހަވާލުކުރި ކަމުގެ ލިޔުމާއި، އެ އެހީތެރިކަން ހަވާލު ކުރާ ފޮޓޯ އާންމުކޮށް އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމްޢިއްޔާއިން އިސްނަގައިގެން ސާރާއަށް އެހީވުމަށް މި ހިންގުނު ހަރަކާތުގައި އެހީވެދެއްވި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރު އަދާކުރާ ކަމަށެވެ.

''އާއިލާއަށް ދިމާވި މި ހިތާމަވެރި ދަނޑިވަޅުގައި ތިޔަ ރައްޔިތުން ބެހެއްޓެވި އޯގާތެރިކަމާއި ގާތްކަމަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިއްވަރެވެ. މަކުނުދޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކާ އެފަރާތްތަކަށް އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ.''

އެޖަމްޢިއްޔާގެ ނައިބު ރައީސް އަޙްމަދު ރިފްޢަތު ސޮއިކުރަށްވާ ނެރެފައިވާ އެބަޔާނުގައި ބުނެފައި ވެއެވެ.

އެ ޖަމްޢިއްޔާއިން އިތުރަށް ބުނީ މިހަރާތަކުގައި ލިބިގެންދިޔަ އެންމެ ބޮޑު ހިއްވަރަކީ އެ ޖަމްޢިއްޔާއިއެކު އެ ހަރަކާތުގައި އެފިލިއެޓްސް ގޮތުގައި ބައިވެރިވި ފަރާތްތައް ކަމަށެވެ.

''ތިބޭފުޅުންގެ ބައިވެރިވުމަކީ ހަރަކާތުގެ އިތުބާރާ ޔަޤީންކަން އިތުރުކޮށްދިން ކަމެކެވެ. ތިޔަބޭފުޅުން ކޮށްދެއްވި މަސައްކަތަކީ އިންސާނިއްޔަތައް ކުރެވިގެންދިޔަ އަގުހުރި މަސައްކަތެކެވެ. އަދި މުޅި އިވެންޓް ކަވާކުރެއްމުގައި "ތިލަދުން" އިން ދެއްވި އެއްބާރުރުލެއްވުމަށް މިޖަމިއްޔާގެ ނަމުގައި ޝުކުރު ދަންނަވަމެވެ.''

އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކުރަނީ، ފޮޓޯ:އެމްވައިއެމް

އެ ބަޔާނުގައި އެ ޖަމްޢިއްޔާއިން ވަނީ ރަސްމީކޮށް އެހަރަކާތުގައި ބައިވެރިވި ފަރާތްތައް ވެސް ފާހަގަ ކޮށްފައެވެ. މިގޮތުން މަކުނުދޫ ސްކޫލް، މަކުނުދޫ ކައުންސިލް، މަކުނުދޫ ހެލްތް ސެންޓަރ، މަކުނުދޫ މެޖިސްޓްރޭޓް ކޯޓު، މަކުނުދޫ ޕޮލިސް ސްޓޭޝަން، ފެނަކަ މަކުނުދޫ ބްރާންޗް، ކިމްސް ޕްރިންޓް، މަކުނުދޫ ވިމެންސް ހޭންޑް ބޯލް ޓީމް، މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް، މާމުޑާ ސްޕޯޓްސް ކްލަބް، އޭސިޔާ ގާޑިޔާ (އަލިބެ ގާޑިޔާ)، ޓީނޭޖް ފުޓްބޯލް ކްލަބް، ކްލަބް ޒައި ޒީ، އިޚްވާން ފުޓްބޯލް ކްލަބް، ނާލިހާ ފުޓްބޯލް ކްލަބް އަދި ރާޅުގެ ނަން އެ ޖަމްޢިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

''ތިބޭފުޅުންގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި! އަދި ތިޔަކުރެއްވި ހޭދައަކީ އާޚިރަތައްޓަކައި ހެޔޮކަމެއްކަމުގައި، މިންވަރުކުރައްވާށި''

ބަޔާން ނިންމާލަމުން އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

23 ނޮވެމްބަރ 2019 ގައި ދުނިޔެއަށް އުފަންވި، ތުއްތު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ.

މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތުވެފައިވާއިރު މިހާތަނަށް ސާރާގެ ބޮޑު ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

ނަމަވެސް މިއަދާ ހިސާބައް ވެސް ސާރާގެ މައިބަދައިގައި އުފެދިފައިވާ ޓިއުމަރު އެއްކޮށް ނައްތާލެވި އާންމު ހާލަތަކަށް ސާރާ އައިސްފައިނުވެއެވެ. އިތުރަށް މިކަމަށް ވަނީ ފަރުވާ ކުރަން ޖެހިފައެވެ. އިންޑިޔާގައި މެދުކެނޑުމެއްނެތި އަށްމަސް ދުވަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހުމުގެ ސަބަބުން ސާރާއަށް ފަރުވާ ކުރުމުގައި އެ އާއިލާއަށް ވަނީ މާލީގޮތުން ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ.

މަކުނުދޫ ޔޫތު މޫވްމަންޓްއިން ކުރިއަށް ގެންދިޔަ މިހަރަކާތަކީ ތުއްތު ސާރާއަށް ފަރުވާ ހޯދުމަށް ޢާއިލާ ލިބިގެންދާނެ ބޮޑު ހިތްވަރަކާއި، އުފަލެކެވެ. މި ނަތީޖާއަކީ އެ ޖަމްޢިއްޔާގެ ރޭވުންތެރި ކަމާއި، އެ ޖަމްޢިއްޔާއާއިމެދު މަކުނުދޫ ރައްޔިތުންގެ ހިތުގައި އޮތް އިތުބާރު ޔަޤީން ކޮށްދިން ކަމެއްމެއެވެ.

https://thiladhun.wonstasite.com/48460