މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.
މިއަދު މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމު 2019ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މާދަމާ ރޭ އޮންނާނެ ކަމަށެވެ.އަދި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި ކަމަށްވެސް އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފައިވާ ކަމަށާއި ހަފުލާ ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި ކޮވިޑާ ގުޅިގެން ރައްޔިތުން ތަކްލީފުތައް އުފުލަން ޖެހުނު ވަގުތުގައިވެސް ރައްޔިތުންނާ ހަމައަށް ތަޒާ ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ރާއްޖޭގެ ނޫސްވެރިން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ވެސް އަމީން ފާހަގަކުރެއްވިއެވެ.
އެގޮތުން މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު އެ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފައިވެއެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ކެޓެގަރީތައް:
ތަޙްގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)ގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ސިޔާސީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ޝަރުއީ އަދި ގާނޫނީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ވިޔަފާރިއާއި އިގްތިސޯދު - ޕްރިންޓް، އޮންލައިން ކެޓެގަރީ
ވިޔަފާރި އާއި އިގްތިސޯދު - ބްރޯޑްކާސްޓިން ކެޓެގަރީ
ކުޅިވަރުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ފީޗާގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
ފީޗާގެ ދާއިރާ - ބްރޯޑްކާސްޓިންގ ކެޓެގަރީ
ފޮޓޯ ޖާނަލިޒަމް - ޕްރިންޓް، އޮންލައިން ކެޓެގަރީ
ވީޑިއޯ ޖާނަލިޒަމް - ބްރޯޑްކާސްޓިން ކެޓެގަރީ
އެންމެ އުންމީދީ ނޫސްވެރިޔާ
އަމީން ވިދާޅުވީ ބައެއް ކެޓަގަރީތަކަށް ހުށަހަޅާފައިވާ ލިޔުންތަކަށް އެކަށީގެންވާ މާކްސް ލިބިފައިނުވާތީ، އެ ދާއިރާތަކަށް އިނާމު ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ދާއިރާތަކަކީ ބްރޯޑްކާސްޓިން ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއާ އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ސިޔާސީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ ނޫސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!