ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އެއާޕޯޓުތަކުގައި، އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެންވިދާޅުވީ، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބޭއްވި މަޝްވަރާ ބައްދަލުވުމުގައިއެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށާއި، މި ބައްދަލުކުރެއްވުމުގައި އެއަރޕޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

'މި ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލައްވާފައި ވަނީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގައި، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކަމާއި، ލުއިފަސޭހަކަމާއި، ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައްޗަށްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޯވިޑް-19އާ ގުޅިގެން ޚާއްޞަ ހާލަތެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، މި ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ނައިބުރައީސް ފައިޞަލް ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ނައިބުރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެއަރޕޯޓުތަކަކީ މިހާރު ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާ ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަން ފާހަގަކުރައްވައި، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއަރޕޯޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަށައަޅާފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެބައްދަލުވުމުގައި ނައިބު ރައީސް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.