ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އެ އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް " އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ފަށައިފިއެވެ.

މި މުބާރާތް 05 ޑިސެމްބަރ 2020 ވީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީކޯޓުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އެންވީކޭ އާއި ޓީމް ގަބީލާއެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ގަބީލާ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ގަބީލާގެ މަރިޔަމް އަޒީފާއެވެ.

Ad
rt

މި މުބާރާތުގެ މެޗެށް 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމް ނިކަ އަދި ޓީމް ކޭއެމްޒެޑްއެވެ.

މި ހިނގާ ޑިސެމްބަރ މަހުގެ 5 އިން 11 އަށް ކުރިއަށް ދާ މި މުބާރާތުގައި ބައިވެރި ވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ އެންވީކޭ، ގަބީލާ، ނިކަ އަދި ޓީމް ކޭއެމްޒެޑްއެވެ. މި މުބާރާތް ރާވާލެވިފައިވަނީ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 17000 (ސަތާރަހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 7000 (ހަތްހާސް ރުފިޔާ) އެވެ.

ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.