ހދ. ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން ހިލޭ ނަމާދު ކޭމްޕަކާއި، ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތަކެއް ކުރިއަށްގެންދަން ނިންމައި، ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ނަމާދު ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި ނަމާދު ކޭމްޕް އަމާޒުކޮށްފައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށެވެ.
މީގެއިތުރުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދަން ނިންމާފައިވާ ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީވެސް މި ޑިސެމްބަރު މަހުގެ 19 އިން 30 އަށެވެ. ހަފުތާއަކު 3 ދުވަހު ކިޔަވައިދޭ މި ކިލާސްތައް އޮންނާނީ އެ ދުވަސްތަކުގެ 8:30 އިން 10:30 އަށެވެ.
މި ކިލާސްތަކުގައި ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. ވަކި ޢަދަދަކަށް ޖާގަ ދޭން ނިންމާފައިވާ މި ދެ ޕްރޮގްރާމްގައިވެސް އެ ޖަމްޢިއްޔާގެ 7952934 ނަމްބަރު ފޯނާއި ގުޅުއްވުމުން ބައިވެރި ވުމަށް ނަންނޯޓު ކުރެވޭނެ ކަމަށް އެ ޖަމްޢިއްޔާއިން ހާމަ ކުރައްވައްވައެވެ.
މި ދެ ޕްރޮގްރާމްގައި ވެސް ކިޔަވައިދެއްވާނީ ޝައިޚް ޢަބުދު ﷲ މިފްޒާލެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އެ ޖަމްޢިއްޔާއިން ވަނީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް ވެސް ހިންގަން ފަށާފައެވެ. ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މިޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ އެރަށުގައި ޤުރުއާން ހިތުދަސްކޮށްފައިތިބި ގިނަބަޔަކު އުފެއްދުމާއި ތަރާވިޙް ނަމާދު ކުރާނެ ބަޔަކު އެރަށުން ތަމްރީން ކުރުން ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ހދ. ނޮޅިވަރަމްގެ ޖަމްއިއްޔާއެެއް ކަމަށްވާ، ޖަމިއްޔަތުލް ރިސާލާއިން އަންނަނީ އެރަށުގައި ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މި ނަމުގައިވެސް ވަނީ ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!