ތޫފާނު ''ބުރެވި'' މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ''ބުރެވި'' މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ.

Ad
rt

މި ތޫފާނު ދަތުރު ކުރަމުންދަނީ ހުޅަނގު - ހުޅަނގު ދެކުނަށް އިންޑިއާގެ ޓްރެވެންޑްރަމާއިން އިންވެގެން އޮންނަ ކަންޔާ ކުމާރީގެ އައްސޭރި ފަށަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މި ތޫފާނާއި ގުޅިގެން ރޭ ދަންވަރު 02:00 ގައި އެ އިދާރާއިން ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރ ދުރުގައިކަމަށާއި، ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު - ހުޅަނގުއުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެކަމުގައި އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މެޓް އޮފީހުން ދާދި ދެންމެއަކު ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދަށް ވެސް ހުދު ސަމާލު ނެރެފައެވެ. އަދި އެ ސަމާލުގައި ބުނެފައި ވަނީ އެ ސަރަޙައްދު ތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ބުރެވި ތޫފާނާއި ގުޅިގެން ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެފަރާތުންވަނީ އެދިފައެވެ.

މެޓް އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެރެވުނީ މެޓް އޮފީހުން އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަޙައްދަށް ތޫފާނު ވަނުމުން ކަމަށެވެ. އަދި މި ތޫފާނަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން ދާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.