ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލި ޓްރާންސްޕޯޓު ނެޓްވޯކު މިމަހު 15 ގެ ކުރިން ސަރުކާރު ތެރެއިން އެންޑޯޒް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޖަލްސާގައި މެންބަރު ސަލީމް ވަނީ އުތުރުގައި ގާއިމު ކުރަން ނިންމާފައިވާ ހައި ސްޕީޑް ފެރީގެ ނިޒާމުގެ މަސައްކަތް ފެށިގެން ދާނީ ކިހާ ހިސާބެއްގައިތޯ ސާފު ކުރުމަށް މިނިސްޓަރު އަސްލަމާއި ސުވާލު ކުރަށްވާފައެވެ.
''މިނިސްޓަރަށް އަޅުގަނޑު ދެ ސުވާލެއް އެބައޮތް. ފުރަތަމަ ހއ. އަތޮޅަށް މި ސަރުކާރުން އިޢުލާންކުރެއްވި ދެ ހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރު ކިހާހިސާބެއްގައިތޯ އޮތީ؟ އަދި މިނިސްޓަރު ކުރިން ފާހަގަކުރައްވާފައި އޮތް ކަމެއް ސްޕީޑް ފެރީގެ ޚިދުމަތް! އަތޮޅުގެ ހުރިހާ ރަށްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް. އެ މަސައްކަތް ކިހާހިސާބަކަށް ގެންދެވިފައި ވޭތޯ؟ އަދި އެ ޚިދުމަތް ފެށޭނެ ކަމަށް މިހާރު ލަފާކުރައްވާ ތާރީޚަކީ ކޮބައިތޯ؟''
މެންބަރު ސަލީމް ސުވާލު ކުރަށްވާފައިވެއެވެ.
މެންބަރު ސަލީމ،ް ހއ. އަތޮޅަށް މި ސަރުކާރުން އިޢުލާންކުރެއްވި ދެ ހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރު އޮތް ހިސާބެއް އޮޅުން ފިލުއްވަން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ސުވާލަށް ޖަވާބެއް ދެއްވޭނީ ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް އިޢުލާނުކޮށްފައިހުރި ހައުސިންގ ޔުނިޓުތަކުގެ މައްސަލަތައް ވަކިވަކިން ތަފުސީލު ބަލައިލާފައި ކަމަށެވެ.
''ދެން ފެރީގެ؟ ޓްރާންސްޕޯޓު ނެޓްވޯކުން ގުޅުވައިލުމުގެ މަސައްކަތުގައި އެނގިވަޑައިގަންނަވާނެ، މި އަހަރުގެ ހިނގާ އަހަރުގެ ބަޖެޓުގެ ތެރޭގައި ސަތޭކަ މިލިއަން ރުފިޔާއިން ހިމެނިފައި އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން ޓެންޑަރކުރުމަށް ޓަކައި ފުރަތަމަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓަކަށް ހުޅުވައިވެސް ލިން. ފެރީ ނިޒާމުގައި ބޭނުންކުރަންޖެހޭނެ، އެކި އަތޮޅުތަކުގައި ބޭނުންކުރަންޖެހޭނެ ފެރީތަކުގެ އަދަދާއި، ސައިޒާއި، ސްޕެސިފިކޭޝަނާއި، ނެޓްވޯކުގެ ތެރޭގައި ދަތުރުކުރަންޖެހޭނެ ގޮތާއި، އަގުތަކާއި، މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ހއ.، ހދ.، ށ. އަށް ތިން އަތޮޅަށް ނިންމާފަ. މިހާރު އަޅުގަނޑުމެންނަށް މުޅި ރާއްޖޭގެ އެ މަސައްކަތް، ދަތުރުކުރުމުގެ މަސައްކަތް ނިމިފައިވަނީ، ޑިސެންބަރު 15އާ ހަމައަށް އަޅުގަނޑަށް މުޅި ޓްރާންސްޕޯޓު ނެޓްވޯކު ކޮސްޓްކޮށް ގޮތް ނިމިފައި އޮންނާނެ. އަޅުގަނޑުމެން އޭތި އެންޑޯޒްކުރުވާނަން ސަރުކާރުގެ ތެރެއިން އިރާދަކުރެއްވިއްޔާ ޑިސެންބަރު 15އާ ހަމައަށް ދާންވާއިރަށް.''
މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ'' މިހާރު ދެން އޮތް ނެޓްވޯކް އަޅުގަނޑުމެން ކޮސްޓްކޮށްދިނުމުގައި މަސައްކަތްކޮށްދެއްވީ ޔޫ.އެސް.އެއިޑްގެ ބޭފުޅުން.'' ކަމަށެވެ. އަދި މިއަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ހިމެނިފައި އޮތީ 50 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރެއިން ކޮންމެވެސް މިންވަރަކަށް އެ މަސައްކަތް ފަށައިގަނެވިދާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''އެހެންނަމަވެސް، އެއީކީ މިކަން ކުރުމަށް ހަމަ އަޅުގަނޑު ދަންނަވާނަން ޒައްރެއްގެ މިންވަރެކޭ ވެސް އެކަން ކުރުމަށް. ދެން ވޯލްޑް ބޭންކާއެކީ އަޅުގަނޑު ޕްރިލިމިނަރީ ލެވަލެއްގައި ބޭންކުގެ ރީޖަނަލް ޑައިރެކްޓަރ ރާއްޖޭގައި އެބަ އުޅުއްވާ ޑައިލޮގް އެބަ ހިންގަން، ޕީ.ޕީ.ޕީ މޮޑިއުލެއްގެ ތެރެއިން ވެސް މިކަން ކުރެވޭނެ އޮޕްޝަނެއް އޮތްތޯ ބެލުމަށް. އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ކަމެއް، ދިވެހިރާއްޖެ އަޅުގަނޑުމެންނަށް މިތިބަ ހިސާބުން
އެހެން މަރުޙަލާއެއްގައި އަޅުގަނޑުމެން ކަންތައްތައް ކުރިއަށްގެންދެވޭނީ ރަނގަޅު ގުޅިފައިވާ ފެރީގެ ނިޒާމެއް އޮވެގެންކަން. އަޅުގަނޑުމެންނަށް ލާމަރުކަޒު ވެސް އަސްލު ކުރެވޭނީ، ދަތުރުފަތުރުގެ ނިޒާމެއް އޮވެގެންކަން.''
މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ފެރީގެ ނިޒާމު ކުރިއަށްގެންދިއުމަކީ، އޭނާގެ އަމިއްލަ އިޚުތިޔާރުގައި ހުރިހާ ނިންމުމެއް ނިންމާ ކަމަށް ވާނަމަ، ހުރިހާ ކަމެއް ހުއްޓައިލާފައި ވެސް ފަށާނެ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ހުންނެވީ ވެސް އެ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!