ފުލުހުން، ހދ. ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ.
މީގެއިތުރުން ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން އެމެންޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ޕޮލިސް ސްޓޭޝަނަށް ގުޅޭނެ ނަންބަރު ވިޔަފާރިވެރިންނާ ހިއްސާކުރުމުގެ އިތުރުން ރާސްޓަސް އަދި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ވިޔަފާރި ބަންދުކުރުމަށް ފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި، ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދީފައިވާކަމަށާއި، އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން އިއްޔެ ވަނީ ހދ. ހަނިމާދޫގައި ވެސް ހަނިމާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!