މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މި މަހުގެ 5 ގެ ނިޔަލަށް ދަންމާލައިފިއެވެ.
ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ.
މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތުވެފައިވާއިރު މިހާތަނަށް ސާރާގެ ބޮޑު ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
ނަމަވެސް މިއަދާ ހިސާބައް ވެސް ސާރާގެ މައިބަދައިގައި އުފެދިފައިވާ ޓިއުމަރު އެއްކޮށް ނައްތާލެވި އާންމު ހާލަތަކަށް ސާރާ އައިސްފައިނުވެއެވެ. އިތުރަށް މިކަމަށް ވަނީ ފަރުވާ ކުރަން ޖެހިފައެވެ. އިންޑިޔާގައި މެދުކެނޑުމެއްނެތި އަށްމަސް ދުވަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހުމުގެ ސަބަބުން ސާރާއަށް ފަރުވާ ކުރުމުގައި އެ އާއިލާއަށް ވަނީ މާލީގޮތުން ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ.
މިކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިމަހު 1 ވަނަ ދުވަހު މަކުނުދޫގެ އެމްވައިއެމް އިން އިސްވެ ކުރިއަށް ގެންދާ ކެމްޕެއިން މިހާރު ވަނީ މިމަހުގެ 5 ޑިސެމްބަރު 2020ގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ މި ކެމްޕެއިނަށް މަކުނުދޫގެ ލޮބުވެތި ރައްޔިތުންނާއި، ކްލަބް ޖަމްޢިއްޔާ ތަކާއި އަދި މަކުނުދޫގެ މުއައްސަސާތަކުން އަންނަނީ ބޮޑު ތަރުޙީބެއްވެސް ދެމުންނެވެ.
ސާރާއާއިއެކު މަކުނުދޫ ހަރަކާތުގެ ތެރެއިން، ފޮޓޯ:އެމްވައިއެމް
މިގޮތުން ފައިސާ ހަދިޔާ ކުރި ބައެއް މުއައްސަސާތަކަށް ބަލާއިރު މަކުނުދޫ ސްކޫލްގެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރައިގެ ގޮތުގައި 13482 ރުފިޔާ ވަނީ ސާރާއަށް އެހީ ވުމަށް އެ ހަރަކާތަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ ގޮތުގައި 1300 ރުފިޔާ، މަކުނުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ ގޮތުގައި 2136.42 ރުފިޔާ އަދި މަކުނުދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ ގޮތުގައި 2000 ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ.
މީގެއިތުރުން ވެސް އެރަށުގެ އާންމު ފަރުދުންނާއި، އެކިއެކި ފަރާތްތަކުން ވެސް އަންނަނީ ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މި ހަރަކާތް އިންތިޒާމް ކުރާ މަކުނުދޫ އެމްވައިއެމްއިން މިހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން އެ ޖަމްޢިއްޔާގެ ރައީސް އަޝްފާޤް އާދަމް ބުނެފައިވަނީ މި ހަރަކާތުގައި އެކިއެކި ފަރާތްތަކުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިގޮތުން ރަށުގެ މުއައްސަސާތަކާއި، ކުލަބް ޖަމްޢިޔާތަކުގެ އިތުރުން ޓީނޭޖް ފުޓްބޯލް ކްލަބާއި، އިހްވާން އެފްސީ، ކިމްސް ޕްރިންޓް، އަލިބެ ގާޑިޔާ، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާރސް ކުލަބް އަދި މާމުޑާ ސްޕޯޓްސް ކުލަބް މިހާރު މިހަރަކާތުގައި ބައިވެރި ވެފައިވާ ކަމަށެވެ. މީގެއިތުރުން މަކުނުދޫ ވިމެންސް ހޭންޑް ބޯލް ޓީމްވެސް މިހާރު މިކަމުގައި ބައިވެރިވެފައިވާ ކަމަށާއި އަދި މީގެއިތުރުން އޮންލައިން އެކިއެކި ޕޭޖްތަކުން ވެސް މި ހަރަކާތުގައި ބައިވެރި ވުމަށް މިހާރު އެދެމުންދާ ކަމަށެވެ.
ސާރާއާއިއެކު މަކުނުދޫ ހަރަކާތުގެ ތެރެއިން، ފޮޓޯ:އެމްވައިއެމް
މީގެއިތުރުން އަޝްފާޤް ބުނެފައިވަނީ މި ހަރަކާތުގެ ޕޯސްޓަރ ސޯސަލް މީޑިއާގައި ޝެއާކުރުމުގައި އޮރިޖިނަލް ޕޯސްޓް ޝެއާ ކުރައްވަމުން ގެންދިޔުމަށް އެދިލައްވާ ކަމަށެވެ. މިފަދަ އެހީ ހޯދުމަށް ހިނެގޭ ހަރަކާތްތަކުން ވެސް ނާޖައިޒް ފައިދާ ނަގައި މަކަރު ހަދައި އޮޅުވައިލާ ފަރާތްތައް މި މުޖްތަމަޢުގައި މިހާރު އުޅެމުންދާތީ މިފަދަ ކަންކަމަށް ޖާގަ ނުދިނުމުގެ ގޮތުން ފައިސާ ފޯރުކޮށްދިނުމުގައި ސަމާލުވުމަށް އެދިލައްވާކަމަށެވެ. މި ހަރަކާތުން ލިބޭ ފައިސާގެ ޖުމްލަ އަދަދު އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖް "Makunudhoo Youth Movement " ގައި އާންމު ކުރެވިގެންދާނެ ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެންމެހާ ފަރާތްތަކުން ބައިވެރިވެ ވެދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަށް މަކުނުދޫ ޔޫތު މޫވްމެންޓް ޖަމްޢިއްޔާއިން އެދިލައްވައެވެ.
ފައިސާ ޓްރާންސްފާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން:
- އެކައުންޓް ނަމްބަރ: 7701176522001
- ނަން: Thaha Zubair
- ވައިބާ ނަމްބަރު: 9830087

މިހަރަކާތް އިންތިޒާމް ކުރަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން މިއަދު ހެނދުނު ހާމަކުރެއްވި ގޮތުގައި، މިއަދު ހެނދުނާއި ހަމައަށް މި ހަރަކާތަށް ޖުމްލަ 97،401.45 ދިވެހި ރުފިޔާއާއި،100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!