ކުރިނބީ ޔޫތް މޫވްމެންޓް (ކީމް) ޖަމްޢިއްޔާގެ ފަރާތުން އިސްނަގައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑްގެ ދަށުން ހދ.ކުރިނބީގައި ތަރައްޤީކުރި ފިޓްނެސް ޕާކް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.

02 ޑިސެމްބަރ 2020 ބުދަ ދުވަހު ހަވީރު 16:30 ގައި މި ޕާކް ހުޅުވުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ޕާކް ހުޅުވައި ދެއްވީ ކުރިނބީ ކައުންސިލުގެ ރައީސް މުޙައްމަދު އަފްރާހްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީ ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ ފެނިގެން މިދަނީ ރަށުގެ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކުގެ ދައުރުގެ މުހިންމުކަމާއި ބޭނުންތެރިކަން ކަމަށެވެ.

Ad
rt

ކީމް ޖަމިއްޔާގެ ރައީސް އާދަމް ޝަޒީމް ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކުރިނބީގައި ތަރައްޤީ ކުރެވިގެންދިޔަ މި ޕާކަކީ ހދ އަތޮޅުގައި ތަރައްޤީ ކުރެވިގެންދިޔަ ފުރަތަމަ އައުޓްޑޯ ފިޓްނަސް ޕާކް ކަމަށެވެ.

ޝަޒީމް އިތުރަށް ވިދާޅުވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު މި ޕާކުގެ އަމަލީ މަސައްކަތް ފަށައިގަތީ ތިން މަސްދުވަހުގެ ތެރޭގައި ނިންމައި ބޭނުން ކުރަން ފެށޭވަރު ކުރުމަށް ޓާގެޓް ކޮށްގެން ކަމަށާއި، ނަމަވެސް ޕާކް ނިންމައި ހުޅުވުން ލަސްވެގެން ގޮސްފައިވަނީ ދުނިޔެއަށް ކުރިމަތިވި ކޯވިޑް ބަލިމަޑު ކަމުގެ ސަބަބުން ޤައުމުތަކުގެ ބޯޑަރުތައް ބަންދުވެ ޕާކަށް ރާއްޖެއިން ބޭރުން ގެންނަން ޖެހުނު ސާމާނުތައް ގެނައުމުގައި ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ.

ކުރިނބީގައި ތަރައްޤީ ކުރެވިގެން މިދިޔަ ފިޓްނަސް ޕާކްގެ ފުރިހަމަކަމާއިއެކު ނިންމާލުމުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އިތުރުން ރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި އަދި ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝަޒީމަވަނީ ޝުކުރު ދަންނަވާފައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުމަށް ބޭނުން ކުރެވޭނެ ޖުމްލަ ހަތް އިކްއިޕްމެންޓް ހިމެނޭ މި ފިޓްނަސް ޕާކް، ރޭގަނޑު ބޭނުން ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ލައިޓް ސިސްޓަމް ވެސް އެތަނުގައިވަނީ ހަރުކުރެވިފައެވެ.

ބީއެމްއެލް އިން އެ ބޭންކް ގެ ކޮމިއުނިޓީ ފަނޑު މެދުވެރިކޮށް އެކިކަހަލަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ ރަށްތަކަކަށް އަންނަނީ އެހީތެރިކަން ފޯރިކޮށްދެމުންނެވެ.