ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ސާއްބަ އެނިވާސަރީ ކަޕް 2020" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލާ އެ ކުލަބުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މިހިނގާ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުގެ 18:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރުމަށްފަހު ހުށަހެޅުއްވުމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދާއި އަދި މުބާރާތުގެ ބައިވެރި ވުމުގެ ފޯމް ހުށަހެޅުއްވުމުގެ ކަންތައް 9932529 ނަމްބަރު ފޯނާއި ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ. މިމުބާރާތުގައި ބައިވެރި ވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާގެ ފީ އަކާއި އެކުގައެވެ.
މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ސާއްބަ އެކުވެރި ކުލަބްގެ ރައީސް އަޙްމަދު އަބްދުލް ވާޙިދު ބުނެފައިވަނީ އެ ކުލަބުގެ ފަރާތުން އިންތިޒާމް ކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހަނިމާދޫގައި ފުޓްބޯޅަ މުބާރާތެއް ރާވާ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގައި ހުނަރުވެރި މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުން ކަމަށެވެ. މީގެއިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެއް ކަމުގައެވެ.

އަޙްމަދު އިތުރަށް ބުނެފައިވަނީ ކޯވިޑްގެ ސަބަބުން ރަށް މޮނިޓަރިންގެ ހާލަތަށް ދިޔުންފަދަ ހާލަތެއް މެދުވެރި ނުވެއްޖެ ނަމަ 15 ޑިސެމްބަރ 2020 ގައި މުބާރާތް ފަށާނެކަމަށާއި، އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މި މުބާރާތުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ ޤަވައިދުތަކަށް ފެތޭގޮތަށް ކަމަށެވެ.
މި މުބާރާތުގެ ޤަވައިދު ބުނާގޮތުން މި މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބިގެންދާނީ އުމުރުން 15 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް 21 އަހަރުން ދަށުގެ 3 ކުޅުންތެރިން ހިމަނަން ޖެހޭއިރު، މި މުބާރާތުގައި ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ވަނީ ދީފައެވެ. ނަމަވެސް އެ ތިން ކުޅުންތެރިން ނިސްބަތް ވާންވާނީ ހއ ނުވަތަ ހދ މި ދެ އަތޮޅަށެވެ.
ސާއްބަ އެކުވެރި ކުވެރި ކުލަބްގެ ފަރާތުން އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2009 ވަނަ އަހަރުއެވެ. ސާއްބަ އެކުވެރި ކުލަބް ރަޖިސްޓަރީ ކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!