ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އެރަށުގައި ހިންގި ގިރާއަތު ލެވެލް 2، ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ކޯހަކީ އެމްވައިއެމްއާއި، ''އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާ'' ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް ކޯހެކެވެ.

Ad
rt

މަކުނުދޫގެ ރައްޔިތުން ކީރިތި ޤުރުއާނަށް ވީހާވެސް ބޮޑަކަށް އަހުލުވެރިކޮށް، ތަޖުވީދުގެ ހަމަތަކުގެ މަތީން ޤުރުޢާން ކިޔެވުމުގެ ހުނަރު އަށަގަންނަވައި، ޤުރުޢާންގެ ޢިލްމު އެރަށުގައި ފެތުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު މި ކޯހުގެ ބައިވެރިންގެ ތެރެއިން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ރޭގައި އެރަށުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އެމްވައިއެމްގެ ރައީސް، އަޝްފާޤް އާދަމެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އަޝްފާޤް ދެއްކި ވާހަކާގައި ވަނީ އުނގެނުމުގައި ހުރިހާ ދަރިވަރުންވެސް ދަގައަޅައި، މަސައްކަތްކޮށް ޤުރުއާންގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިފައެވެ.

މިކޯހުގެ ނިމުން ފާހަގަކޮށް، ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމާއި ގުޅިގެން އެމްވައިއެމްގެ ރައީސް އަޝްފާޤް އާދަމް ''ތިލަދުން''އަށް ބުނީ، އެ ރަސްމިއްޔާތު ބޭއްވުން ލަސްވެގެން ދިޔައީ ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބު ކަމަށެވެ.

''އަޅުގަނޑުމެން ޖަމްޢިއްޔާގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެބަ ހިމެނޭ، މިރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމާއި، އުނގަންނައި ދިނުމަށް މަސައްކަތް ކުރުންވެސް، އެ ގޮތުން އުނގަންނައިދިނުމުގެ ތެރެއިން ގެންދެވުނު ޕްރޮގްރާމެއް މިއީ، ކޯވިޑްގެ ކޯވިޑްގެ ސަބަބުން ދިމާވި އިދާރީ ދަތިތަކާއިއެކު ފާސްވި ދަރިވަރުންގެ ސެޓްފިކެޓްތައް އެޕްރޫވްކުރުން ކަހަލަ ކަންކަމަށް ވަގުތު ނެގީމަ މި ރަސްމިއްޔާތު ލަސްވެގެން މިދިޔައީ''

އަޝްފާޤް ބުންޏެވެ.

އެމްވައިއެމްގެ ރައީސް، އަޝްފާޤް

މަކުނުދޫގެ އާންމު ރައްޔިތުންނާއި، މަކުނުދޫ ސްކޫލްގެ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި ކޯސް ކުރިއަށް ގެންދެވިފައި ވަނީ 2019 ވަނަ އަހަރުގެ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހުން އެންމެ ރަނގަޅު މާކުސް ހޯދައިގެން ނަތީޖާ އެއްވަރު ވުމުގެ ސަބަބުން އެއްވަނައަށް ވަނީ ދެ ފަރާތެއް ހޮވިފައެވެ. އެ ދެ ފަރާތަކީ މަކުނުދޫ، ބޮންތި، ފާޠިމަތު ވަޙީދާއާއި އަދި ގދ. ތިނަދޫ، އުދައައްސޭރި، ޚަދީޖާ މުޙައްމަދެވެ.

މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން ހިންގި މިކޯހާއިގުޅިގެން އެޖަމްޢިއްޔާއިން ވަނީ އެކަމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.