ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން: ހިދުމަތްތެރި ދަރިން ބިނާކުރެއްވި މަންމަ އެއް

jameela hussain

ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން ނިޔާވީ މިއަދު ހެނދުނު 10:22 ހާއިރު ގިނަ ދުވަސް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އެވެ.

ޤައުމަށް ޚިދުމަތްކުރެއްވުމުގައި އުފެއްދުންތެރި، ޚިދުމަތްތެރި ދަރިން ބިނާކުރެއްވި ޖަމީލާ ޙުސެއިން ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ އެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"މާތް ﷲ ޢާއިލާ އަށް ކެތްތެރިކަން ދެއްވައި މަރުޙޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން،"

ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވެފައިވެއެވެ.

ޖަމީލާ ނިޔާވިއިރު އުމުރުފުޅަކީ 82 އަހަރެވެ. ޖަމީލާ ޙުސައިން އަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިތުރުން، ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި އަދި ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރެއްވި އަޙްމަދު ޝަފީޢުގެވެސް މަންމާފުޅެވެ. އަދި ކުރިން ދ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އަދި ފަހުން އޭސީސީގެ މެންބަރުކަން ކުރެއްވި މުޙައްމަދު ޝަފީޢުގެވެސް މަންމާފުޅެވެ. މީގެ އިތުރުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަޤާމުގައިހުންނެވި ހާމިދު ޝަފީޢު އާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢުގެވެސް މަންމާފުޅެވެ.

ޖަމީލާ ޙުސައިން އަކީ ދިވެހި ބަހަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަމަނާ އަވަހާރަވި ޚަބަރު އައްސަވައި، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ، ފޭސް ބުކްގައި ލިޔުއްވާފައިވާ މެސެޖެއްގައި ދިވެހި ބަހަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

''އަލްފާޟިލާ ޖަމީލާ ޙުސައިން އަވަހާރަވި ޚަބަރު އެއީ ފުން ހިތާމަޔާއެކުގައެވެ. ހިތްޕުޅު ހެޔޮ ބޭފުޅެކެވެ. ދޭތެރެއަކުން އަޅުގަނޑާ ގުޅުއްވައިލަވައި ޙާލު ބެއްލެވި މަންމައެއް ފަދަ މާތް އިންސާނެކެވެ. ގައުމީ މަރުކަޒުގެ ދުވަސްވަރު ބަސްކޮމޮޓީގައި ދުވަސްތަކެއް ވާންދެން މަސައްކަތްޕުޅު ކުރެއްވިއެވެ. ރަދީފުތައް އުފެއްދެވުމާއި މާނަ ލިޔުއްވުމުގައި ގިނަގުނަ މަސައްކަތް ކުރެއްވިއެވެ. ޖަމީލާ ޙުސައިންއަކީ ބަހާއި އަދަބުގެ ކަންކަމަށް ނުހަނު ލޯބި ކުރެއްވި ލޯބިވެތި ހިތްޕުޅެއްގެ ވެރިއެކެވެ. މުރުއްވަތްތެރި އެތައް ދަރީންނެއް ބިނާކުރެއްވި ޚުލްޤުހެޔޮ މަންމައެކެވެ. އޯގާވެރި މިތުރެކެވެ. ޖަމީލާގެ ފުރާނަފުޅު ޖަންނަތުލްފިރުދައުސުގައި ލައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. މަންމައެއް ފަދަ ހެޔޮ ޖަމީލާ އެ ވަޑައިގަތީ ހިތް ރޮއްވައިފައެވެ.''

އަޝްރަފް ވިދާޅުވެފަވެއެވެ.

Posted by Kashunamaadhu.mv on Saturday, November 28, 2020

ޖަމީލާގެ ބޭފުޅުން ވަނީ އެކި ދައުރުތަކުގައި ސަރުކާރުގެ އިސްމަަގާމުތައް ފުރުއްވާފައެވެ.

ޖަމީލާ ހުސައިންގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މަޣުރިބް ނަމާދަށްފަހު މަސްޖިސުއްތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ.

ހެޔޮއެދިވަޑައިގަންނަވާ ވީހައި ގިނަ ބޭފުޅުން ކަށުނަމާދުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ ޢާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. ޖަނާޒާގައި ިބައިވެރިވުމަކީ އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި