ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ.
މިގޮތުން ފުނަދޫ ހޮސްޕިޓަލުން މިއަދު ވަނީ ރަސްމީކޮށް އެ ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްފަށައި، އެތެރެހަށީގެ ޑަކްޓަރެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރަށްވާފައެވެ.
ފުނަދޫ ހޮސްޕިޓަލްގައި އަލަށް މިފެށުނު ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ''ތިލަދުން'' އަށް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއަދު މިފެށުނު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް ޒުމްރަތު ވިދާޅުވިއެވެ.
''މިއަދު އަނެއްކާވެސް ފުނަދޫ ހޮސްޕިޓަލްގައި ފެށިގެން މިދިޔައީ ވަރަށް މުހިންމު، ރައްޔިތުން އެ ޚިދުމަތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް، މި ޚިދުމަތް ފެށިގެން ދިޔުމުން މިހާރު އެތެރެހަށީގެ ޑަކްޓަރަށް ދައްކަން މާލެ، ކުޅުދުއްފުށި އަދި އުނގޫފާރަށް ރައްޔިތުން ކުރާ ދަތުރުތަކަށް ނިމުންއައިސް، އެ ތަކުލީފު ލުއިވެގެން ދާނެ، މިއީ އަޅުގަނޑުވެސް މިރަށުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދެއް، އަދި އަޅުގަނޑު ރައްޔިތުންނަށް ވާނީ މި ޚިދުމަތް މިއަހަރު ފެށުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދީފައި، އެހެންކަމުން އަޅުގަނޑު މިތާހުރެ މި ޚިދުމަތް ފެށިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް''
ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ އެ ހޮސްޕިޓަލުން އެތެރެހަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެތެރެހަށީގެ ޑަކްޓަރެއްގެ ޚިދުމަތް ފުނަދޫ ހޮސްޕިޓަލްގައި ފެށިގެން ދިޔުމާއިއެކު އެ ހޮސްޕިޓަލްގެ ސާޖިކަލް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވެސް ފަސޭހަކަން ލިބި، އެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށް ވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.
''މި ހޮސްމިޓަލްގައި ގާއިމުވެފައި ކޮށްފައިވާ، ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ދާއިމީ ފިޒީޝަނެއް ކުރިން ނުހުރޭ، ނަމަވެސް މިއަދު މި ޚިދުމަތް ފެށި ޑަކްޓަރާއިއެކު އެކަމަށްވެސް ހައްލު ލިބިގެންދާނެ، އަދި ހަމަ މި ހޮސްޕިޓަލްގައި ކުރާ އޮޕަރޭޝަންތައް ކުރުމަށްވެސް އިތުރު ފަސޭހަކަން ލިބިގެންދާނެ''
ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ ދެން އޮތް އެންމެ ބޮޑު އުންމީދަކީ އެ ހޮސްޕިޓަލަށް ސްކޭން ޑަކްޓަރެއްގެ ޚިދުމަތް ލިބިގެންދާނެ ގޮތްވުން ކަމަށެވެ. އެމަގުން މިހާރު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
''މިރަށުގެ ރައްޔިތުންނާއި، މި ހޮސްޕިޓަލުން ފަރުވާ ހޯދާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް މި ހޮސްޕިޓަލްގައި ސްކޭން ޑަކްޓަރެއް ނެތުމުން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވޭ، ޚާއްޞަކޮށް މާބަނޑު މީހުން ވަރަށް ތަކުލީފު އުފުލަންޖެހޭ، ސްކޭން ކުރަން ދާން މިޖެހެނީ މާލެއަށް، ނޫނީ އުނގޫފާރަށް، ނޫނީ ކުޅުދުއްފުއްޓަށް، އެހެންވީމަ ވަރަށް ބޮޑު އުންމީދެއް، އެދުމެއް އެއީ ސްކޭން ޑަކްޓަރެއް މި ހޮސްޕިޓަލަށް ހަމަޖެހިގެން ދިޔުން''
ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ އަދުގެ ސަރުކާރުން ފުނަދޫ ހޮސްޕިޓަލަށް ދެއްވާ އަހަމިއްޔަތު ފާހަގަ ކުރަށްވާ ކަމަށާއި، ހެލްތު މިނިސްޓްރީއިން އެ ހޮސްޕިޓަލްގެ ކަންކަން ވަރަށް ކައިރިންބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓްގައި ފުނަދޫގައި މުޅިން އައު ހޮސްޕިޓަލެއް ގާއިމުކުރަން ހިމަނުއްވާފައިވާކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
ފުނަދޫ ހޮސްޕިޓަލުން މީގެ ކުރީންވެސް އޮޕަރޭޝަންސް ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތާއި، އަންހެނުންގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތާއި، ކުޑަކުދިންގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތާއި، ދަތުގެ ފަރުވާއާއި އަދި ހޭނައްތާ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުވެގެން ގޮސްފައިވަނީ ސަރަޙައްދަށް ދިމާވި އުނދަގޫ، ހިތްދަތި ވަގުތުގައި ތަފާތުކުރުމެއްނެތި ޚިދުމަތްދިން ސެންޓަރަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!