ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ފޮޓޯ: ވާދީ އިން ފޭސްބުކް ޕޭޖް
ފޮޓޯ: ވާދީ އިން ފޭސްބުކް ޕޭޖް

ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ''ތިލަދުން''އަށް ހިއްސާކޮށްފައެވެ.

ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސްޓް ހައުސްތަކުން ވަނީ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހު ވަށަފަރު ކައުންސިލުގައި އެކަމަށް މަގުފަހިކޮށްދޭން އެދިފައެވެ.

މިގޮތުން ވަށަފަރުގައި ހިންގާ 4 ގެސްޓް ހައުސް ކަމަށްވާ ''ވަށަފަރު އިން''، ''ވާދީ އިން''، ''ބްލޫކޮރަލް ވަށަފަރު'' އަދި ''ކާސާމިއާ އިން''، އިން ވަށަފަރު ކައުންސިލަށް އެދުވަހު ފޮނުވި ސިޓީގައި ވަނީ އެރަށުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ހޯދުމަށް ކައުންސިލަށް ދިމާވެދާނެ މާލީ އަދި އެހެނިހެން ދަތިތަކުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަންތިބި ކަމަށް ބުނެފައެވެ.

''ތިލަދުން''އަށް ކޮޕީ ލިބިފައިވާ އެސިޓީގައި ވަނީ އެފަރާތްތައް އެކަމުގައި ކައުންސިލާއިއެކު ''މެކްސިމަމް'' މަސައްކަތް ކުރަން ތިބި ކަމަށްވެސް ބުނެފައެވެ.

ވަށަފަރު ގެސްޓްހައުސްތަކުން އެދުނު އެދުމަށް ޖަވާބުދީ، 24 ސެޕްޓެމްބަރުގައި ވަށަފަރު ކައުންސިލުން ފޮނުވި ސިޓީގައި ވަނީ ''ސިޓީގައި އެދިލައްވާފައިވާ ގޮތުގެމަތީން ކައުންސިލުން ތިޔަފަރާތްތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ'' ކަމަށެވެ.

އޭގެފަހުން ހިނގާދިޔަ ދުވަސްތަކުގައި މިއަދާއި ހަމައަށްވެސް އެ ގެސްޓް ހައުސްތައް ހުޅުވުމުގެ ކަންކަން ހަމަނުޖެހި ދާދިއުމުގެ ސަބަބުން އެ ގެސްޓް ހައުސްތަކުން ދަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ.

ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްގެ ފަރާތުން، އެރަށުގެ ''ވާދީ އިން'' ގެސްޓް ހައުސްގެ ވެރިޔާ، އަޙްމަދު ޣާލިބު ''ތިލަދުން''އަށް ބުނީ އޮކްޓޯބަރު މަހު ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ސެޕްޓެމްބަރު
މަސްތެރޭގައި ކައުންސިލާއި ވާހަކަ ދައްކަން ފެށާފައިވާ ކަމަށެވެ.

''ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި، އޮކްޓޯބަރ މަސްތެރޭގައި އެމަސައްކަތް ފެށުނު، ހެލްތު ސެންޓަރުގެ ބަހެއް ނުލިބޭތީ ލަސްވަނީ ކަމަށް ވިދާޅުވި، އެޗްޕީއޭގެ ފުރަތަމަ ގައިޑްލައިންގައި ގިނަ ހުރަސްތަކެއް ހުރުމުން، އެ ގައިޑްލައިނާއި އެއްގޮތަށް އަޅުގަނޑުމެންވެސް ރައްޔިތުން ރަށުގައި ބަންދުކޮށްގެން އެކަން ކުރަން ބޭނުން ނޫންކަމުގައި ކައުންސިލްގައި ދެންނެވިން، އަދި ގައިޑްލައިނަށް ލުއި ހޯދޭނެގޮއް ހޯދުމަށް މަސައްކަތް ކުރިން، ފަހުން އެޗްޕީއޭ އިން ލުއިތަކެއް ދީ އާ ގައިޑްލައިނެއް ނެރުނު.''

ޣާލިބު ބުންޏެވެ.

ޣާލިބު ބުނީ އެހިސާބުން ހެލްތްސެންޓަރާއި އެކު އެއްބަސްވުމަކަށް އާދެވި، ކަން ކުރެވޭނެ މަގުފެނިފައިވާ ކަމަށް ބުނެ، ކައުންސިލުން ޔަޤީންކަން ދެއްވި ކަމަށެވެ. އަދި އެކަމަށް  ކައުންސިލުން ފުރިހަމަ ޔަގީންކަން ދިނުމުން އިންސްޕެކްޝަނަށް ތައްޔާރުވި ކަމަށްވެސް ޣާލިބު ބުންޏެވެ.

''ކޮންމެހެން ގަންނަން ޖެހޭ ތަކެތި ގަނެ ހަމަކޮށް އިންސްޕެކްޝަނަށް ތައްޔާރުވިން، ކައުންސިލުން އިންސްޕެކްޝަން ނިންމައި، ނޯއޮބްޖެކްޝަން ފޯރމް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވަމުން ދާ ވާހަކަ ވިދާޅުވި، ފޯރމް މިނިސްޓްރީ އަށް ނުގޮސް ލަސްވަމުން ދާތީ ވަރަށް ގިނަފަހަރު ކައުންސިލަށް ގުޅިން، ކުރިއަށް ދާކަމަށާއި، މުޅިން ހުރިހައި ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވި، ފޯރމް ގެ އެއްބައި ފޮނުވައި، ބާކީ މާދަމާ ފޮނުވާނެކަމަށް ވިދާޅުވި. ނަމަވެސް މީ ބައިބަޔަށް ފޮނުވާ އެއްޗެއްނޫން ކަން އަޅުގަނޑަށް އެނގޭ. ދެންވެސް ކުރިއަށް ނުދާތީ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނިން''

ޣާލިބު އިތުރަށް ބުންޏެވެ.

އެހިސާބުން މިނިސްޓްރީ އިން ކައުންސިލާއި މުއާމަލާތްކުރަން ފެށިކަމަށާއި، މިނިސްޓްރީން ފުރަތަމަ ގުޅުމުން 2 ދުވަހެއް ތެރޭ ފޯރމް
ފޮނުވާނެކަމަށް ކައުންސިލުން ބުނިކަމަށް، މިނިސްޓްރީން އޭނާއަށް މަޢުލޫމާތު ދިންކަމަށް ޣާލިބު ބުންޏެވެ. އަދި އޭގެ ހަފްތާއެއް ފަހުން މިނިސްޓްރީން ގުޅުމުން، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ލަސްވަނީ ކަމަށް ކައުންސިލުން ބުނިކަމާއި، ރަށު މީހުން ކައިރި ރަށްރަށަށް މަސައްކަތު ދާން ހުރަސްއެޅޭތީކަމަށް ކައުންސިލުން ބުނިކަމަށް ވެސް ޣާލިބު ބުންޏެވެ.

ނަމަވެސް އެ ކަންބޮޑުވުމަކީ ހުރަހެއް ނޫން ކަމަށާއި، އެފަދަ މަސައްކަތްތަކަށް ކައިރިރަށްރަށަށް ދިއުމަކީ ޒަރޫރީ ބޭނުން ކަމަށް މިނިސްޓްރީއިން ކައުންސިލަށް އޮޅުން ފިލުވައިދިން ކަމަށްވެސް ޣާލިބު ބުންޏެވެ.

''ހަޤީޤަތަކީ އަދިވެސް ގިނަ ރައްޔިތުންނަށް އެޗްޕީއޭ ގައިޑްލައިންގެ ސައްޚަ މަޢުލޫމާތު ނޭނގޭކަން. މި ހަފްތާފެށިގެން އެންމެ ފަހުން މަޢުޅުމާތު ލިބުނު ގޮތުގައި، 2 މުޢައްސަސާ އަކަށް ނިސްބަތް ވާ 2 ބޭފުޅަކާއި، އަދިވެސް ބައެއް އެހެން ބޭފުޅުން ގައިޑްލައިންގެ ސާފު މަޢުލޫމާތު ނޭނގި ތިބެ ދެކޮޅުހަދާތީ، މިކަން ވާނެގޮތެއް ނެތްކަމުގައި އެހެން ކައުންސިލަރެއްގާތު ކައުންސިލްގެ ރައީސް ވިދާޅުވިކަމަށް މަޢުލޫމާތު ލިބުނު، އަޅުގަނޑުމެން ބޭނުން ވަނީ ކައުންސިލުން މީގައި ސާފު ޖަވާބެއް. ވެކްސިން ލިބި ބަލި ދުނިޔެއިން ފޮހެވެންދެން މަޑުކުރަން ބުނި ނަމަވެސް އެގޮތަށް އަޅުގަނޑުމެން ޢަމަލްކުރާނަން. ނަމަވެސް ފޯރމް ނިމިއްޖެ، މާދަން ފޮނުވާނަނަ، މިއަދު މި ފޮނުވަނީ، ފޮނުވައިފިން.. މިފަދަ ގޮތަކަށް ވާނުވާ ނޭނގި ތިބެ ފާއިތުވެ މި ދިޔަ ދުވަސްތަކުގައި، ކައުންސިލުން ދެއްވި ޔަގީން ކަމާއި އެކު ޚަރަދު ކަތެއް ކުރެވި، މިހިސާބަށް އައި އިރު ސާފު ޖަވާބެއް ނުލިބި މިހެން ކަނަތައް ވުމުން ކަންބޮޑުވޭ''

ޣާލިބު އިތުރަށް ބުންޏެވެ.

ވަށަފަރުގައި ހިންގާ ގެސްޓްހައުސްތަކުގެ މިކަން ބޮޑުވުމާއި ގުޅިގެން ވަށަފަރު ކައުންސިލްގެ ބަހެއް ހޯދާލުމަށް ދެންނެވުމުން އެ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، އެ ގެސްޓް ހައުސްތަކަށް ވީހާވެސް އަވަހަކަށް ހުއްދަ ލިބޭގޮތް ވުމަށް ބޭނުންފުޅުވާ ކަމަށެވެ.

''ދެން އެނގިވަޑައިގަންނަވާނެ، ވިޔަފާރިތައް ވެސް ވަަރަށް މުހިންމު، އެ ވިޔަފާރިތަކަށް ގެއްލުން ވާކަށްވެސް ބޭނުމެއްނޫން، އެކަމަކު ރައްޔިތުންގެ މަސްލަހަތު މިޖެހެނީ އެންމެ އިސްކުރަން، އަޅުގަނޑުމެން ތިކަމާއި ރައްޔިތުންގެ ޚިޔާލު ހޯދާލިއިރު ގިނަ ރައްޔިތުން އަދި ތިކަމަށް ޤަބޫލެއްނޫން، އެހެންވެ ތިކަން މަޑުޖެހިފައި އޮތީ''

މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށަކީ ވަރަށް މަސައްކަތްތެރީން ތިބި ރަށެއްކަމަށާއި، މިހާރު އެޗްޕީއޭ ގައިޑްލަން އޮތްގޮތުން އެ މަސައްކަތްތެރީންނަށް ދަތިތަކެއް ހުރިކަމަށެވެ.

''މިސާލަކަށް މިރަށުގެ އެލްމިނިއަމް މަސައްކަތްކުރާ މީހުންނަކީ މިހިސާބު އެކި ރަށްރަށަށް ދޮރުޖަހައިގެން ހަރުކުރަން ދާ ބަޔެއް، މިހާރު އެޗްޕީއޭ ގައިޑްލަން އޮތްގޮތުން އެމީހުންގެ މަސައްކަތްވެސް އެބަ ހުއްޓޭ، މިކަމުގެ ހައްލު އޮތީ ސަރުކާރުގެ އަތުގައި ކަމަށް އަޅުގަނޑު ދެކެނީ، ހައްލު އޮތީ ސަރުކާރު އަތުގައި''

އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ހުއްދަދޭން ފެށީ ހުސްވި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލިއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ރަށްރަށަށް ހުއްދަ ދިނުމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ނިންމާފައިވަނީ، ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް އެ ވުޒާރާއަށް އެކަމަށް އެދޭ ރަށެއްގެ ކައުންސިލުން އެންގުމުންނެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 110 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރަތްޔިތުންނަށް ހުޅުވައިން ލިބޭ ގެއްލުން މާބޮޑު މަވެސް ދެކޮޅު ތިޔަ ގެސްޓު ހައުސް ތަކަކީ ލާރީގަ ބޮޑު ހުނި ޖަހައިގެން އުޅޭ ބައެއް . މިއަދު ތިފެންނަނީ އޭގެ ހިތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި