ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކުރި ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންފައިވަނީ މިއަދު 13:00 ގަ އެވެ.

Ad
rt

ހޯރަފުށިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ، ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ހޯރަފުށީގައި އެއާޕޯޓު ހުޅުވުމަށްޓަކައި މިއަދު ހަވީރު 4:00 ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ހުޅުވުމަށް ކުރިން ހަމަޖެހިފައި އޮތް އެއަރޕޯޓް ހުޅުވުން ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލި މިއެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް، މުޅި ރަށްވަނީ ޒީނަތްތެރިކޮށްފައެވެ. އަދި އެ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އުތުރުގެ އެކި ރަށްރަށުން މީހުން ވަނީ ހޯރަފުއްޓަށް ޒިޔާރަތްކޮށްފަ އެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. އަދި 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.