އައު ސަރުކާރަށް މިއަދު 2 އަހަރު ފުރުނީއެވެ. މިދުވަހާއި ހދ. އަތޮޅުގެ ރައްޔިތުން ބައްދަލުކުރީ އެ ރައްޔިތުން، އެ ރައްޔިތުންގެ އަތޮޅުން ލިބުމަށް އެދޭ ފަތުރުވެރިކަމުގެ އެކަށޭނަ ފުރުޞަތުތަތަކުގެ އިންތިޒާރުގައި ތިބެއެވެ.
ހދ. އަތޮޅުގައި ރަނގަޅު ފަތުރުވެރިކަމުގެ ފުރުޞަތުތަކުން ރަނގަޅު ނަފާ ރައްޔިތުންގެ ޖީބަށް ނުލިބި އޮތުމަކީ ފަހަރެއްގައި ވެސް މި ސަރުކާރުގެ ބޮލުގައި އަޅުވަން އުޅޭ ތުހުމަތެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ އުންމީދު އަބަދުވެސް ގުޅިފައިވައި އޮންނާނީ، އެއިރެއްގައި އުފެދިފައި އޮންނަ ސަރުކާރާއި މެދުގައެވެ. އެ ސަރުކާރުގެ ސިޔާސަތު ތަކުން، އެ ސަރުކާރެއްގެ ރޭވުންތެރިކަމުން އަދި އެ ސަރުކާރެއްގެ މަސައްކަތުން އެރައްޔިތުން އުންމީދުތައް ހާސިލް ކޮށްދޭނޭ ކަމަށް ރައްޔިތުން ދެކެއެވެ.
މި ސަރުކާރުގެ 2 ވަނަ އަހަރީ ދުވަހު ހދ. ރައްޔިތުން އެވާހަކަ ދައްކަނީ އެހެންވެއެވެ. މި ސަރުކާރު ގެނައުމުގައި ވެސް، އެ ރައްޔިތުން އެ އުންމީދު ކުރީތީއެވެ. އެ ހުވަފެނުގައި އެދުވަހު ކަރުދާސްކޮޅުގައި ފާހަގަ ޖެހީތީއެވެ. އެއަށްފަހު އައި މަޖިލިސް އިންތިޚާބުގައި ވެސް ސަރުކާރު ''އޮޑި'' ބަރުކޮށްލަ ދިނީ އެ އުންމީދުގައެވެ. އެހެންކަމުން މިއަދު އެ ރައްޔިތުން މިވާހަކަ ދައްކާނެއެވެ.
ހދ. އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ އެކަށޭނަ ނަފާ ހޯދައި ނުދީ އޮތީ ވަކި ސަރުކާރެއްގެ އިހުމާލަކުން ނޫނެވެ. މިހާތަނަށް ދުއް ހުރިހާ ސަރުކާރެއްގެ ވެސް އިހުމާލުން ނެވެ. އެކަން ބަދަލުކޮށްލައި، ހދ. އަތޮޅު ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުން ގެނައުމުގެ ފުރުޞަތު މިހާރު ލިބިފައި އޮތީ މިސަރުކާރަށެވެ. މިއަދު އެވާހަ ދައްކާ އަނެއް ސަބަބަކީ މިއެވެ.
ރަނގަޅެވެ. ހދ. އަތޮޅުގައި ރިސޯޓެއް މިހާރު އެބަ އޮތެވެ. ހދ. ހޮނޑާފުށީގައި ތަރައްޤީކޮށްފައިވާ ރިސޯޓަށް، ކިޔޭނީ ''ހަމަ ރިސޯޓެކެވެ.'' މިހެން ބުނާން ޖެހުނު ސަބަބު ހދ. ރައްޔިތުންނަށް އެނގޭނެއެވެ.
18 މާރިޗް 2018 ވަނަ ދުވަހު، ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ''ހޮނޑާފުށި އައިލެންޑް ރިސޯޓު'' ހުޅުވިއެވެ. އެދުވަހު އާންމުވި މައުލޫމާތު އައުކޮށްލާފައި ކުރިއަށްދާނަމެވެ. ''ހޮނޑާފުށި ހުޅުވީ ދެ ކެޓަގަރީއެއްގެ 80 ކޮޓަރިއާ އެކުގަ އެވެ. އެއީ 75 އަކަ މީޓަރުގެ ސުޕީރިއާ ބީޗު ބަންގަލޯ އާއި 89 އަކަ މީޓަރުގެ ޑިލަކްސް ބީޗު ބަންގަލޯ އެވެ. އެ ރިސޯޓުން ނިންމާފައި ވަނީ އަހަރަކު 100 ކޮޓަރި އިތުރުކުރަމުން ގޮސް، ފަސް އަހަރު ތެރޭގައި އެ ރިސޯޓުގައި 400 ވިލާ ގާއިމުކުރުމަށެވެ. ހޮނޑާފުށި ރިސޯޓުގައި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހުންނަ އިރު، އެކި ވައްތަރުގެ މޫދުކުޅިވަރު ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެ އެވެ. މީގެ އިތުރުން ބީޗު ވޮލީއާއި ފިޓްނެސް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.''
ނަމަވެސް، މި ރިސޯޓާއިއެކު ހދ. ރައްޔިތުންނަށް ލިބުނީ ''ހަނި'' ވަޒީފާގެ ފުރުޞަތުތަކެކެވެ. މަދު ވަޒީފާގެ ފުރުޞަތުތަކެކެވެ. ހިތް މޮޅޭ ބުންޏަސް ހެވެވެ. ހަޤީޤަތަކީ މިއެވެ. އެ ރިސޯޓު ހުޅުވުމަކުން، އެ ރިސޯޓުގެ ކަންކަމަށްބަލައި، ހދ. ގައި ރިސޯޓެއް އޮތް ކަމުގެ އިޙްސާސްވެސް ކުރެވެނީ މަދު ރައްޔިތަކަށެވެ. މިހިސާބުން މިވާހަކަ ކުރުކޮށްލީއެވެ.
ދެން ކުރިއަށްދާ ހިތްއޮތީ ހދ. ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަދި ހދ އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައިވާ އަލީ މުޙައްމަދު، 18 ޑިސެމްބަރު 2018 ވަނަ ދުވަހު ވިދާޅުވި، ވިދާޅުވުމެއް ހަނދާން އައުކޮށްލާފައި އެވެ.
''މީގެ 15 އަހަރު ކުރިން ހދ އަތޮޅު ގެ ރީތި ބޮޑެތި ރަށްތައްވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުންގެ ބަޔަކު ފޭރިގަނެފަ، މީ ހދ. ގެ ރައްޔިތުން ހަޖަމު ކޮށްގެން ތިބޭ ވަރަށްވުރެ ސީރިއަސް މައްސަލައެއް، އަދި މިކަމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ޖެހޭ، މީ ހދ އަތޮޅުގެ ރައްޔިތުން ވަރިހަމަ ކޮށްގެން ތިބެވޭނެ ކަމެއް ނޫން''
އަލީ އެދުވަހު ވިދާޅުވިއެވެ.
ދިއްލެމުންދިޔަ އުންމީދުގެ ހުޅުކޮޅުން ތަންކޮޅުކޮޅު
''1 ހަފްތާ ތެރޭގައި ހދ އިން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިއުލާންކުރާނެ: އަލީ ވަހީދު'' 17 ނޮވެމްބަރު 2019 (ތިލަދުން)
ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލީ ވަހީދު ވިދާޅުވީ މިސަރުކާރު އައީ ރާއްޖޭގައި 35000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ވައުދާއިއެކު ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ޓޫރިޒަމަށް ނެރޭނެ ރަށްތައް މިހާރު ކަނޑައެޅިފައި ވާކަމަށެވެ.
https://thiladhun.wonstasite.com/11143
''ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި'' 17 ޑިސެމްބަރު 2019، (ތިލަދުން)
ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި އެވެ. މިރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި "ބުރެބި" ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.
ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ،
- ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު - މިވަގުތު އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ހަނިމާދޫ އިން 10 މިނެޓް
- ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު) ހަނިމާދޫ އިން 30 މިނެޓް
- ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް
- ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތަކުގެ ތެރޭގައި، ހދ ނޮޅިވަރަންފަރު
https://thiladhun.wonstasite.com/13193
''ހއ، ހދ މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އާއި ޓުރިޒަމް މިނިސްޓަރަށް''، 18 ޑިސެމްބަރު 2019 (ތިލަދުން)
ހއ އަތޮޅާއި ހދ އަތޮޅުގެ މަޖިލިސް މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް ދަންނަވައިފިއެވެ. ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައި ރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ”ބުރެބި“ ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވުމާއި ގުޅިގެން ބަޔެއް މެންބަރުން ވަނީ މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކޮށްފައެވެ.
https://thiladhun.wonstasite.com/13264
''އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ'' 28 ސެޕްޓެމްބަރު 2019 (ތިލަދުން)
އަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
https://thiladhun.wonstasite.com/7256
''މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ، އިސްކަން ދޭނީ ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް: އަލީ ވަހީދު'' 26 ފެބްރުއަރީ 2020 (ތިލަދުން)
''ސަރުކާރުގެ ޢަމާޒަކީވެސް މާލެ ޞަރަަޙައްދުން އިތުރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ވިޔަސް ދޫނުކުރުން ކަމަށާއި ސަރުކާރު ޢަމާޒު ހިފާފައިވަނީ ރިސޯޓްތައް މަދު މާލެއާ ދުރު އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްޤީ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫގައި އިއްޔެ ބޭއްވި "ކޮރަލް ފެސްޓިވަލް ޕެނަލް" ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓްތައް ހުރީ މާލެއާއި މާލެ ކައިރި އަތޮޅުތަކުގައި ކަމަށާއި، ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް ދިޔުމުން، އެ އަތޮޅުގައި ރިސޯޓުތައް ނެތުމުން އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.''
https://thiladhun.wonstasite.com/18617
''ހދ ނާގޯށި އަލުން އެމްޓީޑީސީއާއި ހަވާލުކޮށް "އަންނަ އަހަރު" މަސައްކަތްފަށަނީ''، 4 އޮކްޓޯބަރު 2019 (ތިލަދުން)
މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ތަޒްމީލް އަބުދުއްޞަމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ އެމްޑީ ތަޒްމީލް ވިދާޅުވީ ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްރަކާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
https://thiladhun.wonstasite.com/7797
ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް "އަންނަ އަހަރުގެ" ތެރޭގައި ފެށޭނެ: އެމްޓީޑީސީ، 7 އޮކްޓޯބަރު 2020 (ތިލަދުން)
ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނެވެ.
https://thiladhun.wonstasite.com/44428
އަނބިން، ދަރީން ކައިރިއަށް ''އޮފް ޑޭ'' އަށް، ދިޔުމަށް އަދި 6 ސެޕްޓެމްބަރު 2020 ވަނަ ދުވަހު މަޖިލިސްއިން ފާސްކޮށް، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާޙުން ޤާނޫނުން ފަހިކޮށްދިން ''ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވޭ'' އިސްލާޙްގެ ފޮނި މީރުކަމުން ވެސް ހދ. ގެ ރައްޔިތުން މިވަނީ މަޙްރޫމް ވެފައެވެ.
ފަތުރުވެރިކަން އޮތް އަތޮޅުތަކުގައި ހުރި ތިޔާގި ކަމާއި، ލިބޭ އިޖުތިމާއީ އެހީތެރިކަމާއި އަދި މިނޫންވެސް ފުރުޞަތުތަކުން ހދ. ރައްޔިތުން މިވަނީ މިއަދާއި ހަމައަށްވެސް މަހްރޫމް ވެފައެވެ.
ހދ. އަތޮޅަކީ 23 ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ، އެ އަތޮޅެއްގެ ނިސްބަތުން އެންމެ ގިނަ މީހުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެއް އަތޮޅެވެ.
ހދ. އަތޮޅު ރައްޔިތުން މި ސަރުކާރާމެދު ކުރާ އުންމީދު އަދި ދުލެއް ނުކުރެއެވެ. ބާކީ، 3 އަހަރު އަދި އެބަ އޮތެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން ދަނީ ސަރަޙައްދުގެ 8000 އެނދު ތަރައްޤީ ކުރުމުގެ ޕްލޭނާއެކު ކަމަށް ކިޔާތީ އަދި އެ އުންމީދު އައުވާލެއް ބޮޑެވެ. އަންނަމަހާއި އަންނަ ހަފްތާ ނިމި ދެން ކުރާން ޖެހުނު އިންތިޒާރެއްވެސް ކުރާނީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!