ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް ކަޅު ވަކަރު މިސްކިތް ރާވައި، މަސައްކަތް ނިންމުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ.

އެ މިސްކިތެއްގެ ތާރީޚްގައި އެންމެ ގިނަ ތަންތަނަށް ބަދަލު ކުރެވުނު ކަޅުވަކަރު މިސްކިތް ހުޅުއްވާ ދެއްވީ އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Ad
rt

ކަޅުވަކަރު މިސްކިތް ތަރައްގީކުރަނީ ގައުމީ ދާރުލްއާސާރުގެ އެއް އެގްޒިބިޓްގެ ގޮތުގައި އަދި ލިވިންގް ހެރިޓޭޖެއްގެ ގޮތުގައެެވެ.

ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައި ހުރީ ލިލީމަގު ސަލްޓަން ޕާކު ސަރަހައްދު ކަންމައްޗަކަށް ވާ ގޮތަށެވެ. ނަމަވެސް ސަލްޓަން ޕާކު ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން 2016 ވަނަ އަހަރު އެ މިސްކިތް ރޫޅާލިއެވެ. ފަހުން އެ މިސްކިތް ގދ. ތިނަދޫގައި ބަހަށްޓަން އޭރުގެ ސަރުކާރުން ނިންމިއެވެ. އެއަށްފަހު އެމިސްކިތް ރާވާނީ ހުޅުމާލޭގައި ކަމަށް ވެސް އެ ސަރުކާރުން ބުންޏެވެ. ނަމަވެސް ސަރުކާރު ބަދަލުވިއިރުވެސް އެކަން ކޮށްފައެއް ނުވެއެވެ.

ކަޅުވަކަރު މިސްކިތާއި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދު މިއަދު އަލުން ހުޅުވާލިއިރު، އެ މިސްކިތް އިހުގައި ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ވަނީ ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓައިފަ އެވެ.

ފުރަނަފުށީގައި އެ މިސްކިތް ބަހައްޓާފައި ހުއްޓައި، ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމުގައި 1980 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މިސްކިތް އަލުން މާލެ ގެނައެވެ. އެއަށް ފަހު އެ މިސްކިތް ބަހައްޓާފައި ހުރީ ސަލްޓަން ޕާރކް އިރު ދެކުނު ކަނުގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެއް ކަޅުވަކަރު މިސްކިތް އެތަނުގައި ހުއްޓެވެ.

ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެތަން ބަންދުކުރުމަށްފަހު، އެ މަސައްކަތް ނިންމައި، އަލުން ކަޅުވަކަރު މިސްކިތް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 19 އޭޕްރިލް 2009 ގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައި އެ މިސްކިތް ރޫޅާލުމަށް ފަހު ސަލްޓަން ޕާކުން ނަގާފައިވަނިކޮށް އަލުން އެ މިސްކިތް ރޭވުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ކަޅުވަކަރު މިސްކިތް ރޫޅާލައި ފޮރުވާފައި ހުރިތަން ހޯދައި، އަލުން އެ މިސްކިތް ރޭވުމަކީ ރައީސް ޞާލިޙްގެ ވައުދުފުޅެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، ސަލްޓަން ޕާކު ސަރަހައްދުގައި މިސްކިތް ބެހެއްޓުމަށް ރައީސް ނިންމެވީ ވަޒީރުންގެ ލަފާފުޅާއެކު ޑިސެމްބަރު 2018 ގައެވެ.

އޭގެ ފަހުން ސަލްޓަން ޕާކު ސަރަހައްދުގައި އެ މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޞާލިޙެވެ. އަދި އެ މިސްކިތް ރޭވުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.