މި ސަރުކާރުގެ ވޭތުވި 2 އަހަރު ދުވަސް ތެރޭގައި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު، ޑރ. ޙުސައިން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ސަރުކާރަށް 2 އަހަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު، ޑރ. ޙުސައިން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތިމާވެށީގެ ދާއިރާއިން ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ކޮންމެ އަތޮޅަކުން 1 ރަށާއި، 1 ފަޅާއި، 1 ކަނޑޫފާ ހިމާޔަތް ކުރެއްވުން ކަމަށެވެ.
މިގޮތުން ވޭތުވި 2 އަހަރު 24 ސަރަޙައްދެއް ހިމާޔަތް ކުރެވިފާ ވާކަމަށާއި، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، ޅ. އަތޮޅުގެ 5 ސަރަޙައްދަކާއި، އައްޑު އަތޮޅުން 4 ސަރަޙައްދަކާއި އަދި ފޯއްމުލަކުން 1 ސަރަޙައްދު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
''ވޭތުވި 2 އަހަރު އަޅުގަނޑުމެން 24 ސަރަޙައްދެއް ހިމާޔަތް ކޮށްފިން، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، ޅ. އަތޮޅުގެ 5 ސަރަޙައްދަކާއި، އައްޑު އަތޮޅުން 4 ސަރަޙައްދަކާއި، ފޯއްމުލަކުން 1 ސަރަޙައްދު، މި ސަރަޙައްދުތަކުގެ ބޮޑު މިނަކީ 14431 ހެކްޓަރު، ކުރިން އޮންނަނީ މިވެނި ތަކެކޭ ބުނެފަ، ނަމަވެސް މިހާރު ވަނީ ސަރަޙައްދު ކަނޑައަޅާފައި، މިގޮތުން ކުރިން ހިމާޔަތް ކޮށްފައިވާ 5 ސަރަޙައްދުގެ ވަނީ ބޮޑުމިން ކަނޑައެޅިފައި، އެހެން ކަމުން 2373 ހެކްޓަރު ވަނީ ހިމާޔަތް ކުރެވުނު ބަޔަށް އިތުރުވެފަ''
މިނިސްޓަރު، ޑރ. ޙުސައިން ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ވޭތުވި 2 އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބުވުން ކަމަށެވެ.
ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދެއް ހިމާޔަތް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ވޭތުވި 2 އަހަރު ތެރޭ އެ ސަރަޙައްދުން ހިމާޔަތް ކުރި ތަންތަނުގެ ތެރޭގައި ހދ. ކޭލަކުނާއި އެ ރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމެނެއެވެ. މިތަންތަން ހިމާޔަތް ކުރަން ނިންމެވީ، 25 ޑިސެމްބަރު 2018 ގައެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!