ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

މިގޮތުން ނައިބު ރައީސް ފައިޞަލް އިއްޔެ ހަވީރު ވަނީ، މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަޙައްދުގައި އެސްޓީއޯއިން ތަރައްޤީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި، މީގެއިތުރުން ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަޙައްދު ސާފުކުރުމަށްފަހު އެ ސަރަޙައްދުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް ހަދަމުންދާ ޕާކިންގ ޒޯނުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސް ފައިޞަލްގެ މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ޢާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ އެސް.ޓީ.އޯ. އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ކާރޫބާރޫ ބޮޑު ޓްރެފިކަށް ލުޔެއް ލިބޭނޭހެން ކަންތައްތައް އިންތިޒާމް ކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ ބޭފުޅުންނަށް އިރުޝާދުދެއްވި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަޙްމަދު ޢާދިލާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.