ނޯޓް: ތިރީގައި މިވާ ލިޔުން ނަކަލުކޮށްފައި މި ވަނީ ދުވަހުނޫސް “ވިޔަފާރިމިއަދު” ގެ 19 ސެޕްޓެންބަރު 1968 (ބުރާސްފަތި) ދުވަހުގެ ނޫހުންނެވެ. މިއީ "އަނދިރީގެ ދުނިޔެ: ކުދިވަގުންގެ ޕާޓީއެއް" މިސުރުހީގެ ދަށުން އަލިފު. ޝީނު. ނުވަތަ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިއުމެކެވެ.
ޝައްކެއްނެތެވެ. މުޅި މަސްއޫލިއްޔަތު އެޅެނީ، މައިންބަފައިންނާއި ބެލެނިވެރީންގެ ކޮނޑުގައެވެ. ޤައުމުގައި ހަމައެންމެ ރަނގަޅު މުވާޠިނުންގެ ގޮތުން މުސްތަޤްބަލުގެ ބައިތައް ކުޅެންތިބި ކުދިން ގެއްލި ހަލާކުވުމުގެ މުޅި މަސްއޫލިއްޔަތު ރައްދުވަނީ އެކުދީންގެ ބެލުންތެރިންނަށެވެ.
އަޅުގަނޑު އަހާފައިވާ ގޮތުގައި ޢުމުރުން 12، 13 އަހަރުގެވީ ކުދިންގެ ކުޑަޕާޓީއެއް، ވައްކަން ކުރުމުގެ ގެންގްއެއްގެ ގޮތުގައި އުޅެނިކޮށް އެކަންހިފި، ކަން ހިނގަންވީ ގޮތުގެ މަތީން ހިނގަމުން އެބަދެއެވެ. އެފަދަ ޅަކުދިންކޮޅެއް މިގޮތުން އަނދިރީގެ ޙަޔާތް ފެށިކަމުގެ ހިތާމަ އެކުދިންގެ، ބެލެނިވެރިންގެ ހިތަށް އިޙްސާސްކުރެވޭ ބާވައެވެ. ޢުމުރުން 12، 13 އަހަރު ވެފައިތިބި މީގެތެރޭގެ ބައެއް ކުދިންތިބީ ޤުރްއާންވެސް ނުކިޔަވައެވެ. ނަމާދުކުރާކަށް ނުދަނެއެވެ. ހެވެއް، ނުބައެއް، ވަކިވުމެއްނެތް ޖާހިލުކަމުގެ ތެރޭގައެވެ. މިއަދުގެ މާލޭގައި މިފަދަ ކުދިން ތިބެދާނެކަމަށް ޤަބޫލުފުޅު ކުރެއްވުން ފަސޭހަފުޅު ތޯއެވެ؟ އެމާލެއަކީ، ސަރުކާރުގެ މަދަރުސާތަކުގެ، ދޮރުތައް ތައްމިނަށް ހުޅުވިފައިވާ މާލެއެވެ. އިތުރަށް އަމިއްލަ މަދަރުސާތަކާއި ކްލާސްތައް ހިނގަހިނގާއޮތް މާލެއެވެ. އެއްކޮޅުން މިގޮތުގައި ކަންހުރިއިރު އަނެއްކޮޅުން ތިމާމެންގެ ޅަދަރިން ހަލާކުވަމުން ދާކަމުގެ އެއްވެސް ފިކުރެއް ނެތްބަޔަކު ތިބިކަން އެއީ ކޮޅެއްނެތްފަދަ ހިތާމަހުރިކަމެކެވެ. އެކަމުން ގެއްލުން ލިބެނީ، ހަމައެކަނި އެކުދިންނަކަށް ނޫނެވެ. ޤައުމުގެ މުސްތަޤްބަލަށެވެ.
ތިމާއަށް ލިބޭ ދަރިން އެގޮތުގައި ތަރުބިއްޔަތުކުރުމަކީ ދީނީ ގޮތުންވެސް ކޮންމެ މީހަކު އުފުލަންޖެހޭ އެންމެބޮޑު އެއް ފަރުޟެވެ. ކަންމިހެން ހުރިއިރު ވައްކަމާއި، އެނޫންވެސް މަދުއަޚްލާޤީ އަދި ޙަރާމްވެގެންވާ ކަންތައްތަކުގެތެރެއަށް ދަރިފުޅު ވެއްޓި ގެއްލިގެންދާއިރު، އެކަމުގެ އަޚްލާޤީ މަސްއޫލިއްޔަތު ހަމަގައިމުވެސް މައިންބަފައިންނާއި، ބެލެނިވެރިންގެ ބޮލުގައި އެޅޭލެއް ކުޑައެއް ނޫނެވެ.
މަދަރުސާތަކަށްދާ ކުދިންގެވެސް އެންމެ ނުރައްކާތެރި ވަގުތަކީ މަގުމަތީގައި ހޭދަވާ އިރުކޮޅެވެ. ބެލެނިވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ މަދަރުސާއަށް ފޮނުވުމުން ތިމާގެ މަސްއޫލިއްޔަތު ނިމުނީކަމުގައި ނުދެކެ، ބެލެހެއްޓުނު އެންމެ މަތިވެރި ދަރަޖައަކަށް ކުދިން ބެލެހެއްޓުމެވެ.
ޅަޢުމުރުގައި އެކިއެކި ގޯސްތަކުގެތެރެއަށް ވަންނަން ފަށައިފިނަމަ އެކަން ފިލުވައިލުމަކީ، ވަރަށްވެސް އުނދަގޫކަމެކެވެ. އަދި ޅަކުދިންނާއި ޒުވާނުން ކުށްތަކަށް ގައިގޯޅިވުމުން ގެއްލިގެންދާ މަޞްލަޙަތު އެމެރިކާގެ ބައެއް ރަށްރަށުން މިއަދުއޮތީ ދިމާއަށް ފެންނާށެވެ. ދުނިޔޭގެ އޮޔާއި ވަޔާއި އެކުވެގެން، ރަނގަޅުގެ ނަތީޖާ ފެތުރޭ ފަދައިން ނުބައިގެ ނަތީޖާވެސް، ފެތުރުމަކީ ފިޠުރަތުގެ ޤާނޫނެވެ.
ވައްކަމާއިމެދުގައި ދައުލަތާއި ޝަރީޢަތުން ކަނޑައެޅިފައިވާ ޢުޤޫބާތަށް އެއްވެސް ބިރެއްނެތި ތިމާގެ އެންމެ ޅަދަރީން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން އުޅޭ ބެލެނިވެރިންނަކީ، އިންސާނިއްޔަތުގެ ކުރިމަތީގައި ވަރަށްވެސް ބޮޑެތިކުށްވެރިންނެވެ.
ހުރިހާ ރޮނގަކުން ދިވެހިރާއްޖެ އިޞްލާހުވަމުންދާއިރު، ޤައުމުގެ ހަމަކޮންމެ ފަރުދަކުމެ އެމީހެއްގެ ވާޖިބަށް ވަރުގަދައަކަށް ސަމާލުނުވެތިބުން ހެއޮނުވާނެއެވެ. ޢަމުދުން ތިމާގެ ލޮބުވެތި ދަރިފުޅަށް ތިމާގެ ދުނިޔެއަށްވުރެ މޮޅު، ބާއްޖަވެރި ދުނިޔެއެއް ހޯދައިނުދީ ތިބެންވާނީ ކިހިނަކުންތޯއެވެ. ރާއްޖެ މިކުރާ ތަރައްޤީ ކުރަމުންދާއިރު، ފަރުދާގެ އަނެއްފަރާތުގައި، އާދެ! އަނދިރީގެ ދުނިޔޭގައި މިބާވަތުގެ ގޭންގްތައް އުފެދުނަނުދިނުމީ ހަމަކޮންމެ މުވާޠިނެއްގެމެ، ޤައުމީ ވާޖިބެކެވެ.
ހިތްޕުޅަށް ގެންނަވާ ބައްލަވާށެވެ. ޢުމުރުން 12،10 އަހަރުވީ ޞިއްޙަތު ސަލާމަތުން ހުރި ކުއްޖެކެވެ. ނަމަވެސް ހެދުންވަނީ ދާވެ ތަތްވެފައެވެ. ދަތްއުނގުޅި ދުވަހެއް، ފެންވެރި ޒަމާނެއް މޫނު ދޮވުނު ވަގުތެއް އެނގޭނެ އެއްވެސް ނިޝާނެއް ނެތެވެ. ބޭރުފުށުގެ ސިފަ މިގޮތަށް އެކަނި ހުރިނަމަވެސް އެންމެ ރަނގަޅެވެ. ހިތާމަހުރިކަމަކީ އެއާއިއެކުގައި އަޚްލާޤީ އަދި ރޫޙާނީ ބައިވެސް ނިހާޔަތުގެ ދަރަޖައަށް ކަމީނާވެފައިވާކަމެވެ. ދެންވިސްނަވާ ބައްލަވާށެވެ. މިދެންނެވިފަދަ ސިފައިގައި ހުރެ ބޮޑުވެގެން ޤައުމުގެ މުސްތަޤްބަލްގައި އޭނާ ފުރާނީ، ކޮންކަހަލަ ގޮޅިއެއްތޯއެވެ! ހިތާމައަކީ، އަދި ގެއްލުމަކީވެސް މިއެވެ. ނޫންނަމަ ބައިސްކަލެއްގެ ހޯލްޑަރއަކީ މާބޮޑު އަގެއްހުރި އެއްޗެއް ނޫނެއްނޫންތޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!