ކޯވިޑް-19 ގެ މި ބަލިމަޑު ކަމުގެ ހާލަތުގައި ހދ.ކުޅުދުއްފުއްޓަށް ދަތުރު ކުރައްވާ ބޭފުޅުން ހޯމް ކަރަންޓީން ވުމަށް ހުއްދަ ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލު އިދާރާއަށް އެދުމުގެ އުސޫލަށް އެ އިދާރާއިން ބަދަލު ގެނެސްފިއެވެ.
މި އުސޫލަށް ބަދަލުގެނެސް އެ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރުމުގެ ހުއްދައަށް އެދޭއިރު ދަތުރުކުރަން ބޭނުންވާ ތާރީޚްގެ ރަސްމީ 03 ދުވަސް ކުރިން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ރަޖިސްޓަރީ ވާންޖެހޭނެ ކަމަށެވެ.
ކުރިން ޢަމަލު ކުރަމުންއައި އުސޫލަށް ބަދަލުގެނެސް އައު އުސޫލެއް ކަނޑައަޅަން ޖެހުނީ ހުއްދަ ދޫކުރުމުގައި ހުރިހާ ރައްޔިތުންނަށް ވެސް އެއް ދުވެއްޔެއްގައި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުކުރުމުގެ އިތުރުން ދުވަހުން ދުވަހަށް ހުއްދަތައް ދޫކުރުމުގައި އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން އިންތިހާއަށް ދަތިތައް ކުރިމަތިވަމުން ދާތީ، އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.
މީގެއިތުރުން ކަރަންޓީން ވުމަށް އެދޭ ގެ ޗެކް ކުރުމާއި ގުޅުންހުރި ލިޔެކިޔުން ތައްޔާރު ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ސަމާލުކަން ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް އެ އިޢުލާނުގައި އެ އިދާރާއިން އެދިލައްވާފައިވަނީ ހުއްދަ ހޯދުމުގެ މަރުހަލާ އަވަސްކުރުމަށް، މިކަމާއި ގުޅުން ހުރި ލިޔުންތައް ހަމަކުރެއްވުމަށްފަހު 9531312 ނަމްބަރަށް ވައިބަރ ނުވަތަ coc@kulhudhuffushicity.gov.mv އަށް ދުރާލާ އީ-މެއިލް ކުރުމަށް ސަމާލުކަން ދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!