ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއިން ހޯދައިފިއެވެ.
31 އޮކްޓޯބަރ 2020 ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ޔޫތު ސެންޓަރުގެ ވޮލީކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗު ބްލެކް ޒީނޯއިން ކާމިޔާބު ކޮށްފައިވަނީ ޓީމް ބީއެކްސް ސްޕޯޓްސްއާއި ވާދަކޮށް ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ތިންސެޓް ދެ ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ބީއެކްސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފައިވަނީ 25-23 އަދި 25-19 އިންނެވެ. ފުރަތަމަ ދެ ސެޓްގެ ނަތީޖާއާއި އެކު ފައިނަލް މެޗު ބީއެކްސްއިން ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ ފަހު ތިންސެޓް 25-21 ، 25-17 އަދި 15-12 އިން ބްލެކް ޒީޏޯއިންވަނީ ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލާފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އަޕަ ނޯތު ޕޮލިސް ޑިވިޒަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ޝަރަފްވެރި ކޮށްދެއްވި މި މެޗު ނިމުމުން، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލެކް ޒީނޯގެ ޖޯޒީ ނަމްބަރު 12 ހުޒާމް އަލީއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ
ހުޒާމް އަލީ – ބްލެކް ޒީނޯ
ހުސެއިން ރަޒާން- ބީއެކްސް
އަލީ މައުމޫން- ބީއެކްސް
މުޙައްމަދު ރަޝީދު- ނެކްސްޓް ބައި
ޞާދިޤް މޫސާ- ނެކްސްޓް ބައި
އަލީ މައުސޫމް- ބްލެކް ޒީނޯ
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބްލެކް ޒީނޯގެ ކޯޗް އިބްރާހީމް ރަޝީދެވެ.
މި މަޤާމްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލު ކޮށްދެއްވާފައި ވަނީ ނެކްސްޓް ބައިގެ އޯނަރ އާރިފް މުޙައްމަދެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަށާއި އަދި މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވިފައިވަނީ ބީއެކްސް ސްޕޯޓްސްއެވެ. މި މަޤާމްތަކަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލު ކޮށްދެއްވީ ހއ.އެޓޯލް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ވަހީދުއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބްލެކް ޒީނޯއަށް ޗެމްޕިއަން ޓްރޮފީއާއި ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލު ކޮށްދެއްވާފައިވަނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އަޕަ ނޯތު ޕޮލިސް ޑިވިޒަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ.
މި މުބާރާތުގައި ވަނީ ބެސްޓް ސަޕޯޓަރު ވެސް ހޮވާފައެވެ. މުބާރާތުގެ ބެސްޓް ސަޕޯޓަރަކަށް ހޮވިފައިވަނީ އަލީ ރަޝީދު، ކޮތަރިވިލާ، ހއ.ދިއްދޫއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށާއި އޮފިސަލްކަން ކޮށްދެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ. އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމްޑީޕީ ޓިކެޓްގައި ދިއްދޫ ކައުންސިލަށް ވާދަކުރައްވާ އަބްދުﷲ ވަހީދެވެ.
Next Buy Volleyball Tournament 2020 🏆
Dream Team Players 🌟🏆Huzaam Ali jersey no 12 Black Xinho
🏆Hussain Razaan jersey...Posted by Dhidhdhoo Online on Saturday, October 31, 2020
މުބާރާތުގެ ސްޕޮންސަރުންނަށާއި މީޑީއާ ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހއ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވާ ހުސެއިން ރަޝީދެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ނެކްސްޓް ބައި ފިހާރައެވެ. ކޯ-ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެންޒެޑް، ބްލޫ ޖޭ ލޯންޗް، ލޮންސި ކެފޭ، ރިޓޯ، ފަށުއި ލިބާސް، ވިޓަމިންސް، މިވެސް ގަރާޖު، އައުޓަމް ސެލޫން، އަލްވާ މާރޓް، ދަ ވިލެޖް ކެފޭގެ އިތުރުން ސީކިންގް ލޯންޗެވެ. މި މުބާރާތުގެ މެއިން މީޑީއާ ޕާޓްނަރަކީ ތިލަދުން ނޫހެވެ. އިތުރު މީޑިއާ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ދިއްދޫ އޮންލައިންގެ އިތުރުން އަސްލު ޓިންޓިން ލައިވްއެވެ.
މުބާރާތުގެ ސެކުރިޓީގެ އެންމެހާ ކަނަތައްތައް ބަލަހައްޓާފައިވަނީ ހއ.ދިއްދޫ ޕޮލިސްޓޭޝަންގެ ފަރާތުންނެވެ. މި މުބާރާތް ހިންގި ނެކްސްޓް ބައިގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް" ކުރިއަށް އޮތް 2021 ވަނަ އަހަރުވެސް ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!