މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

Ad
rt

އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން މި މަހުގެ 25 ވަނަ ދުވަހު ބަޔަކު މަސައްކަތް ކުރީ، އެ ފައިސާތައް ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންގޮސް ފައިސާތައް ވޭނުން ބާލަން އުޅެނި ކޮށެވެ.

އާންމު ވެފައިވާ އެހާދިސާ ފެންނަ ވީޑިއޯގައި ފެންނަ ގޮތުން، ފައިސާ ހިފައިގެން ދިޔަ ވޭން މަޑުކޮށް ފައިސާތައް ބާލަން ތައްޔާރު ވުމުން، ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރެއެވެ. ނަމަވެސް އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ މަސައްކަތުންނެވެ.

ރޫޓު ފިހާރައާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެފައިސާތަކުގެ ޖުމްލަ ޢަދަދު 4.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ރޫޓު ފިހާރައިގެ ފައިސާތައް ފޭރުން ހުއްޓުވި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ ސެކިއުރިޓީ ގާޑު މުހައްމަދު ހަސަން މަނިކަށް، އެ ފޭރުން ހުއްޓުވިކަމުގެ އަގު ވަޒަންކޮށް 50،000 ރުފިޔާ އާއި، ރަމްޒީ ލިއުމެއް ރޫޓު ފިހާރައިން ވަނީ ދީފަ އެވެ.