ރާއްޖޭގައި ކުރެވޭ ކައިވެނިތަކާއި އެ ކައިވެނިތަކާއި ގުޅިގެން ބޭއްވޭ ހަފްލާތަކަކީ މިހާރު ގިނަ ވިޔަފާރިތަކާއި ގުޅި ލާމެހިފައިވާ ހަފްލާތަކެކެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާގެ ބެކްޑްރޮޕް ހެދުމާއި، އެ ހަފްލާތަކަށް ކޭކު އެޅުމާއި، އެ ހަފްލާތަކަށް ކައިވެނީގެ ހެދުން ފެހުމާއި، ކައިވެނީގެ ރަން ހެދުމާއި، މިފަދަ މަސައްކަތްތަކަކީ މިއަދު ވިޔަފާރީގެ ބާޒާރެކެވެ.
މިގޮތުން ކައިވެނީގެ ހަފްލާތަކުން ފެނިގެންދާ ވެޑިންގ ޑްރެސްތަކާއި ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ބުކޭ ހެދުމުގެ މަސައްކަތުގައި ހދ.ކުމުންދޫ ޒިޔާދާ ހުސެއިން، އެކުވެރިންގެ ނަމުންނަމަ "ދޮނާ" އަކީ ފާހަގަކޮށްލެވޭ ހުނަރުވެރި ކަނބަލެކެވެ.
މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް "ތިލަދުން" އާއި ހިއްސާ ކުރަމުން ދޮނާ ބުނެފައިވަނީ، ފުރަތަމަ ބައިވެރިވީ ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ކަމަށެވެ. ކޯހުގައި ކިޔަވައިދިން ކުއްޖާއަކީ ބުކޭގެ މަސައްކަތް ވެސް ކުރާ ފަރާތަކަށް ވެފައި، އޭނާ އެ މަސައްކަތް ކުރާތަން ފެނި އެކަމަށް ޝަޢުޤުވެރިވެ އޭނާގެ އެހީތެރިކަމާއިއެކު މި މަސައްކަތް ފަށައިގަތީ ކަމަށެވެ.

ފުރަތަމަ ބުކޭ ހަދައިދެމުން އައީ ރައްޓެހިންނަށް ކަމަށާއި އެއަށްފަހު ރައްޓެހިންގެ ރައްޓެހިންނަށް ބުކޭ ހަދައިދޭން ފެށި ހިސާބުން މި މަސައްކަތް އިޝްތިހާރުވެ ވައިގައި ހިފައިގެން ދިޔުމާއި ގުޅިގެން، މި މަސައްކަތުގައި ފުރުޞަތުތައް ތަނަވަސްވެ ކުރިއަށް ދިޔުމުގެ މަގުތައް ފަހިވެގެން ގޮސްފައިވާ ކަމުގައި ދޮނާ ބުނެފައިވެއެވެ.

ދޮނާއަކީ ނަރުހެކެވެ. ނާސިންގ ޑިޕްލޮމާ ކޯސް ފުރިހަމަކޮށް އަދި މިހާރު ވިލާ ކޮލެޖުގައި އެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ.
ވަޒީފާ އަދާކުރުމާއި ކިޔެވުމުގެ އިތުރުން ދޮނާ ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ބްރައިޑަލް ބުކޭ، ފޮލޯރަލް ހޫޕްސް، ފްލާވާރ ގާލްސް ކްރޯން، ބޮޓިނައާގެ އިތުރުން ބްރައިޑްމޭޑްސް ބުކޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޭކު އެޅުމާއި ފެހުމަކީ ވެސް ދޮނާ ފަރިތަ މަސައްކަތްތަކެވެ.

ދޮނާ މި މަސައްކަތް ދަސްކޮށް އާމްދަނީ ހޯދުމުގެ ގޮތުން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. މެދުކެނޑުމެއްނެތި މިހާރު މި މަސައްކަތުގައި 6 އަހަރު ހޭދަކޮށްފައިވާއިރު، ދޮނާބުނާ ގޮތުންނަމަ 3000 އާއި ގާތްކުރާ އަދަދަކަށް މިހާރު އެކި ހަފްލާތަކަށް މިފަދަ ތަކެތި ތައްޔާރު ކޮށްދެވިފައިވާނެ އެވެ.
ތަފާތު ވިސްނުމުގެ ތަފާތު ހިޔާލުގެ މައްޗަށް މިހާގިނަ ތަކެތި ތައްޔާރުކޮށް ގިނަބައެއްގެ ލޯބި ހޯދާފައިވުމުން ދޮނާގެ މި މަސައްކަތުގެ ކުޅަދާނަކަމާއި ފުރިހަމަ ކާމާއިމެދު ޝައްކުކުރާނެ ޖާގައެއްނެތެވެ.

"ވަރަށް ބޮޑު ތަރުހީބެއް މި މަސައްކަތަށް އޮވޭ، މަސައްކަތެއް ނެތިފައި އެއްވެސް ދުވަސްކޮޅަކު ހުންނާކަށް ނުޖެހޭ، އަދި ބަނދުތަކާއި ދިމާކޮށް ކުރާ ކައިވެނިތައް އިތުރުވުމުގެ ސަބަބުން، އެ ދުވަސްވަރުގައި މި މަސައްކަތަށް އޮންނަ ތަރުހީބު ވެސް ވަރަށް ބޮޑުތަނުން އިތުރުވެގެން ދޭ، ހާއްސަކޮށް ނޮވެމްބަރ، ޑިސެމްބަރ މި ދެމަހު ކައިވެނިތައް އިތުރުވެ މަސައްކަތްތައް އިތުރުވާތީ އެ ދުވަސްވަރަށް މި މަސައްކަތަށް ވަރަށް ބޮޑަށް ތައްޔާރުވެސް ވާން"
މި މަސައްކަތަށް އޮންނަ ތަރުހީބު ހިއްސާކުރަމުން ދޮނާ ބުނެފައިވެއެވެ.
Why not switching to a traditional theme wedding! Get your traditional theme bouquet customized into any type only for...
Posted by Dhona's Bridal Bouquets on Saturday, October 31, 2020
ދޮނާގެ މި މަސައްކަތްތަކަށް ރާއްޖޭގެ އެކިއަތޮޅުތަކުން ރިކުއެސްޓް ލިބެމުން އަންނައިރު، ރާއްޖޭގެ އެކި ރަށްރަށަށް މިހާރުވެސް ދޮނާ އަންނަނީ އޭނާގެ މަސައްކަތްތައް ފޯރުކޮށްދެމުންނެވެ.
ދޮނާގެ މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތި ހޯދުމުގައި ދިމާވާ ދަތިތަކެވެ. ހާއްސަކޮށް ބޭނުންވާ ކަހަލަ ބޭނުންވާ ކުލަކުލައިގެ މާ ރާއްޖެއިން ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭކަމުގައި ދޮނާ ބުނެފައިވެއެވެ. މަލާއި އަދި މި ނޫންވެސް ގިނަތަކެތި ލަންކާއިން ގެންނަ ކަމަށް ދޮނާ ބުނެފައިވާއިރު، ކޯވިޑް ބަލިމަޑު ކަމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ބޮޑު ގޮންޖެހުމަކާއި މިހާރު ކުރިމަތިވެފައިވާކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ވަގުތު ހެޔޮގޮތުގައި ބޭނުން ނުކުރެވުމަކީ މިއަދުގެ މުޖްތަމަޢުގައި ގިނަބަޔަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ދޮނާއަކީ ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުމުގައިވެސް ނަމޫނާއެކެވެ.
"މި މަސައްކަތުގައި ބޮޑަށް ހަރަކާތްތެރިވަނީ ރޭގަނޑު، ވަޒީފާއަދާކޮށް އާއިލާއަށް ވަގުތުދީ ކިޔެވުމަށް ވަގުތު ހުސްކޮށް އަދި ކުރަންހުންނަ މަސައްކަތްތައް ނިންމާލުމަށް ފަހު ދެން ރޭގަނޑު އެ ލިބޭ ހުސްވަގުތުގައި މި މަސައްކަތް ގިނައިން ކޮށް އުޅެނީ"
މި މަސައްކަތް ކުރުމުގައި ވަގުތު ހޭދަކުރާ ގޮތާއި ގުޅޭގޮތުން ދޮނާ ބުނެފައިވެއެވެ.

މި ދާއިރާގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ މި ވިޔަފާރި އިތުރަށް ފުޅާވެ "ދޮނާސް ބްރައިޑަލް ބުކޭ" އަކީ އެންމެން ވެސް އިތުބާރުކުރާ ނަން މަޝްހޫރު ބްރޭންޑަކަށް ވެގެންދިޔުމެވެ. އަދި މި ވިޔަފާރި ދުވަހުން ދުވަހަށް ފުޅާކޮށް މިކަމާއި ގުޅުންހުރި އިތުރު ކަންތައްތަކެއް ފެށިގެން ދިޔުމަކީ އުންމީދެއްކަމުގައި އޭނާ ބުނެފައިވެއެވެ.
މި މަސައްކަތުގައި މިހާދުވަހު ކާމިޔާބުކަމާއި އެކު ދެމިހުރެވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ކަސްޓަމަރުން އޭނާގެ މަސައްކަތް ބަލައިގަނެ ދެއްވާ ހިތްވަރާއި، އަދި ފިރިމީހާ އާއި އާއިލާގެ އިތުރުން ގާތް އެކުވެރިން ދެއްވާ އެއްބާރުލުން ކަމުގައި ދޮނާ ފާހަގަކުރެއެވެ.

ދޮނާގެ މަސައްކަތްތައް ދެކިލަން ބޭނުންނަމަ، ނުވަތަ މިފަދަ މަސައްކަތައްކަށް ރިކުއެސްޓް ކުރަން ބޭނުންނަމަ "Dhona’s Bridal Bouquets" ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލާށެވެ. ނުވަތަ "dhonas_bridalbouquets" އިންސްޓަގްރާމް އެކައުންޓަށް ޒިޔާރަތް ކޮށްލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!