ޒަމާންތަކަކަށްފަހު ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
އިހަވަންދޫއިން ބަންޑާރަގޯތި ދޫނުކުރާތާ ގިނަ އަހަރުތަކަކަށްފަހު، ގޯތި ރަޖިސްޓަރީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 29 އޮކްޓޫބަރ 2020 ވަނަ ދުވަހުގެރޭ، އިހަވަންދޫ ކައުންސިލް އިދާރާގަ އެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ބަންޑާރަގޯތި ދޫކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތަށް މުއްދަތުގެ ފަހުން އިތުރު ލިޔުންތައް ވައްދާފައިވާތީ ބާތިލުކުރުމަށް ފަހު، 2019 ވަނަ އަހަރު އޮކްޓޫބަރ މަހު 200 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިއުލާނަށް، 12 މަސް ދުވަސްތެރޭ ހުރިހައި މަސައްކަތެއް ނިންމާލެވިފައިވާކަމަށެވެ.
"ބިންވެރިކަން - ރަށުން" މި ޝިއާރުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ކުރިއަށް ގެންދެވުނު ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތުގެ ހުރިހައި މަރުހަލާއެއްވެސް ކުރިއަށް ގެންދެވިފައިވަނީ ހާމަކަންބޮޑު ގޮތެއްގައި ދެފުއްފެންނަ ސިޔާސަތެއްގެ ތެރެއިން
އިހަވަންދޫ ކައުންސިލުން ބުނެފައި ވެއެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ގެވަޅު ކޮމެޓީގެ މެމްބަރުނާއި، އިދާރީ މުވައްޒަފުންނާއި އަދި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަން އެކައުންސިލުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ބިން ސާފްކުރުމުގައި އެމް.ޓީ،ސީ.ސީގެ ވަރަށްބޮޑޫ އެހީތެރިކާމައި އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އިހަވަންދޫއިން ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު މަސައްކަތަކީ ގޯތިދޫކުރުމުގެ ހުރިހައި މަސައްކަތެއް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ރަޖިސްޓަރީ ހަވާލުކުރެވިގެންދިޔަ މަސައްކަތެއްކަމަށާއި އިހަވަންދޫއަށްވުރެ ކުރިން ބަންޑާރަގޯތި ދޫކުރަން އިއުލާންކުރި ރަށްރަށަށް އަދިވެސް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވާކަމަށްވެސް އެކައުންސިލުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!