ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ.
މޫސުމާ ބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ޤައުމަށް މި އަހަރުގެ ތެރޭގައި ކުރިމަތިވާ އެންމެ ބާރުގަދަ ޠޫފާން ކަމަށެވެ. އަދި މި ޠޫފާނުގެ ސަބަބުން ވައި ގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ގިނަ ތަންތަނަށް ގެއްލުންވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ޠޫފާން ގޯނީ އެންމެ ފުރަތަމަ އަރާނެ ކަމަށް ބެލެވިފައިވަނީ ފިލިޕީންސްގެ އެންމެ ދެކުނުގެ ރަށެއް ކަމަށްވާ ލުޒޮންގެ އައްސޭރިއަށެވެ. އަދި އާދިއްތަ ދުވަހު ހެނދުނު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އެ ދުވަހުގެ މެންދުރު ގަޑިއަކު 127 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، މި ކަމަށް ސަމާލުވުމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
މިއީ އެއް ހަފްތާއެއްގެ ތެރޭގައި މި ސަރަހައްދަށް އަރާ ދެވަނަ ޠޫފާނެވެ. މީގެ ކުރިން މި ހަފްތާގައި ޠޫފާން މޯލޭވް އަރައި ވަނީ 22 މީހުން މަރުވެ ގިނަ ޢަދަދެއްގެ ގެދޮރު ހަލާކުވެފައެވެ. ޠޫފާން މޯލޭވް ވަނީ ފިލިޕީންސްއާއި އިންވެގެން އޮންނަ ޓައިވާންއަށްވެސް އަރާފައެވެ.
ކޯވިޑް-19 ގެ ސަބަބުން ފަޅުވެފައިވާ ސްކޫލުތަކާއި ޖިމްތައް ބޭނުން ކުރާނީ ވަގުތީ ހިޔާވަހި ކަމެއްގެ ގޮތުގައި ކަމަށް އެ ޤައުމުގެ ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. އަދި މޫސުން ރަނގަޅުވަންދެން ހާލުގައި ޖެހިފައިވާ މީހުންގެ ކަންކަން ސަރުކާރުން ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީހުން ސަލާމަތް ކުރުމަށާއި ސިއްހީ ކުއްލި ފަރުވާ ދޭ މަރުކަޒު ތަކުން ވެރިރަށް މެނީލާ ސަރަހައްދުގައި ދަނީ ތައްޔާރީތައް ވަމުންނެވެ. އަދި މީގެ ތެރޭގައި އެކަމަށް ޚާއްސަ ވެހިކަލްތައްވެސް ވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައެވެ. ހަމަ އެހެންމެ މި ސަރަހައްދުތަކަށް ކާބޯ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކަމާބެހޭ ފަރާތްތަކުން ކުރަމުންނެވެ.
މިހާތަނަށް ބިކޯލް ސަރަހައްދުން އެކަނިވެސް ވަނީ200،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!