ހއ.ކެލާއިން އަނެއްކާވެސް ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށުގެ ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހުންގެ ތެރެއިން އެކަކެވެ. އެ ތިންމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަނުން އެކަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވާއިރު އަނެއް ދެ މީހުންގެ ނަތީޖާވަނީ ނެގެޓިވް ވެފައެވެ.
ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ. އަދި އެއީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމަކަށްވާއިރު މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރުމަކީ މުހިންމު ކަމެކެވެ.
ފާއިތުވެދިޔަ ސެޕްޓެމްބަރ މަހު ވެސް ވަނީ އެރަށުން ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހާ މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.
އިންޑިއާއިން ބޭސްފަރުވާއަށް ފަހު ކެލާއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް، ފަރުވާއަށް ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ހުއްޓާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. އެމީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކެލާއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު ސަވާރީ ބޯޓު ކޭހާއި ގުޅޭ 10 މީހެކެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!