ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ބްލެކް ޒީނޯ އަދި ބީއެކްސް ސްޕޯޓްސް ދަތުރު ކޮށްފިއެވެ.
27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހު ކުޅުން މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްލެކް ޒީނޯ އާއި ބީއެކްސް ސްޕޯޓްސްއެއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ބީއެކސް ސްޕޯޓްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީއެކްސް ސްޕޯޓްސްގެ ޖޯޒީ ނަމްބަރު 2 އަލީ މައުމޫންއެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗު 28 އޮކްޓޯބަރ 2020 ބުދަ ދުވަހު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލު ކޮށްފައިވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ބްލެކް ޒީނޯއާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފައިވަނީ ބްލެކް ޒީނޯއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލެކް ޒީނޯގެ ޖޯޒީ ނަމްބަރު 12 ހުޒާމް އަލީއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހު ދިއްދޫ ޔޫތު ސެންޓަރުގެ ވޮލީ ކޯޓުގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!