ހދ. ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް އިތުރު 100 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

ނިގޮތުން މިއަދު 15:00 އިން ފެށިގެން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުން ގެންދާނެ ކަމަށާއި މިކަމަށް އެންމެހާ ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކޭއާރުއެޗުން އިލްތިމާސްކުރެއެވެ.

Ad
rt

އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ ލޯކަލް މާރުކޭޓް އިމާރާތުގައި ޤާއިމު ކޮށްފައިވާ ފުލޫ ކުލިނިކަށް ނުވަތަ ކުޅުދުއްފުށީގެ ކޯވިޑް ހޮޓްލައިން ނަންބަރު 7606688 ނަންބަރާ ގުޅުއްވުމަށް ކޭއާރުއެޗުން އެދިފައި ވެއެވެ.

"ﷲ ގެ ހެޔޮ ރަހްމަތްފުޅުން މިދިޔަ ހޮނިހިރު ދުވަހު ނެގިފައިވާ 100 ރެންޑަމް ސާމްޕަލް ވަނީ ނެގެޓިވް ވެފައި. އަޅުގަނޑުމެންނަށް އުއްމީދު ކުރެވޭ ގޮތުގައި މިއަދު ނެގޭ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހު މޮނިޓަރިންގެ ހާލަތާ މެދު ގޮތެއް ކަނޑައެޅިގެން ދާނެ"

ކޭއާރުއެޗުން ބުންޏެވެ.

މީގެއިތުރުން ޕޮލިސް ކްލަސްޓަރއާ ގުޅިގެން މިހާތަނަށް ހއ، ހދ އަދި ށ އަތޮޅުން 405 ސާމްޕަލްއެއް ނެގިފައިވާ ކަމަށާއި، އަދި މިހާތަނަށް ކުޅުދުއްފުށީގައި ޤާއިމު ކުރެވިފައިވާ ޕީސީއާރު ލެބުން 4851 ސާމްޕަލް ވަނީ ޓެސްޓް ކޮށްފައި ވާކަމަށް ވެސް ކޭއާރުއެޗުން ވަނީ ހާމަ ކޮށްފައި އެވެ.

މިވަގުތު ކުޅުދުއްފުށީގައި ޕޮޒިޓިވް ވެފައިވާ 7 ކޭސް އެބަ ތިބި ކަމަށާއި ޖުމްލަ ގޮތެއްގައި ހުރިހާ ފަރާތްތަކުގެ ހާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިވަގުތު ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި 185 ފަރާތެއް އެބަތިއްބެވެ. އެއީ ކޮންޓެކްޓުންގެ ގޮތުގައި 112 ފަރާތަކާއި ފުރަބަންދު ފުރިހަމަ ކުރަމުން ދާ 73 ފަރާތެކެވެ.

ކުޅުދުއްފުށިން އިތުރު ކޯވިޑަށް ޓެސްޓް ކުރުމަށް އިތުރު100 ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި، އެރަށުގެ ޓާސްކު ފޯހާއި، ކައުންސިލާއި އަދި މިނޫންވެސް އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކާއި ބައްދަލުވުން ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޓީމުގައި އެޗްޕީއޭ، އެޗްއީއޯސީ، ޓެގް، ސީމެޓް އަދި އެންޑީއޭގެ އޮފިޝަލުން ހިމެނިވަޑައި ގަންނަވައެވެ.