ހދ.ކުޅުދުއްފުށިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ދެވަނަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުގެ ތެރެއިން ސިމްޓަމްސް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި އެގޮތުން 17 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަލިމީހުންގެ ތެރެއިން 84 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ޓެސްޓުކުރުމުގެ ދެ ބުރެއްވަނީ ބާއްވާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި އެރަށުން ނެގި 120ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. އަދި އެންމެ ފަހުން ޓެސްޓު ހެދި ބުރުގައި ނެގި 100 ރެންޑަމް ސާމްޕަލްވެސް ވަނީ ޓެސްޓުކޮށްފައެވެ. އެޗްއީއޯސީގެ އެޓޯލް ޕްރިޕެއަރޑްނަސްގެ ފަރާތުން މަޢުލޫމާތު ޙިއްސާކުރައްވަމުން ޢަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގގެ ޙާލަތަށް ގެނައިފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އައި 84 މީހަކުވެސް ޓެސްޓުކޮށްފައިވާކަމަށެވެ. އަދި މި އެންމެންވެސް ބައްޔަށް ނެގެޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި އިތުރަށް އަދިވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށެވެ. އަދި ފުލޫ އަލާމާތް ހުންނަ މީހުން ޑޮކްޓަރަށް ދައްކަން ދިއުމަށް އިލްތިމާސްކުރާ ކަމަށާއި ފުލޫ ހުންނަ ފަރާތްތަކުގެ ސާމްޕަލް ނެގި ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ފަހުން އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގައި ރަށުތެރެއިން ހޮވާލެވުނު 15 ގެކައުންވަނީ 15 މީހުންގެ ސާމްޕަލް ޓެސްޓުކޮށްފައެވެ. އަދި މީހުން އާއްމުކޮށް ޚިދުމަތް ހޯދަންދާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.
"ކެފޭ ރެސްޓޯރަންޓާއި ފިހާރަތަކުން 25 ސާމްޕަލް، އާއްމު ޚިދުމަތްދޭ ތަންތަން، މިސާލަކަށް ބޭންކް އެއަރޕޯޓްފަދަ ތަންތަނުން 9 ސާމްޕަލް، 11 ޓެކްސީ ޑްރައިވަރުންގެ ސާމްޕަލްވެސް ނެގިން. ހުރިހާ ސާމްޕަލްވަނީ ނެގެޓިވް".
އަބްދުﷲ މައުރޫފް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ހދ. ކުރިނބިން ޕޮޒިޓިވްވި މީހަކާއި ށ. ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހއ. ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
ކުޅުދުއްފުށިން ލޯކަލް ޓްރާންސްމިޝަނެއް ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވީ ފުލުހެކެވެ. ކުޅުދުއްފުށީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 9 މީހުން އެބަތިއްބެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓު ހެދިއިރު ބައްޔަށް ޕޮޒިޓިވްވި އެކަކާއި، ރެންޑަމް ސާމްޕަލްއިން ޕޮޒިޓީވްވި ދެ މީހުންނާއި، 6 ކޮންޓެކްޓުންނެވެ. މިއީ މުޅިންވެސް އެއް ކްލަސްޓަރއަކަށް ނިސްބަތްވާ މީހުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ކުޅުދުއްފުށީ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!