ށ.ކޮމަންޑޫ ބަނދަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށް މޯލްޑިވްސްް ޓްރާންސްޕޯރޓް އެންޑް ކޮންޓްރޭކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނެފައިވަނީ މި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ %50 އާއި، ޕޭވްމަންޓް ސަރަޙައްދުގައި ކަރބް ލައިން އެޅުމުގެ މަސައްކަތުގެ %79 އާއި ފެންޖަމާކުރާ ޓޭންކް ހެދުމުގެ މަސައްކަތްތަކުގެ %89 ވަނީ ނިންމާލާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއަަށް ހަވާލުކުރެވުނު މި ބަނދަރުގެ މަސައްކަތް މޮބަލައިޒް ކުރެވިފައިވަނީ 08 ޑިސެމްބަރ 2019 ވީ އާދިއްތަ ދުވަހުއެވެ. ކޮމަންޑޫގެ މި ބަނދަރަކީ 29.41 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 14,731 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 35،348 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އަލަށް ހަދާ ބަނދަރުގެ ފަޅުކޮނުމާއި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުން ހިމެނެއެެވެ. މީގެ އިތުރުން 190 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 12 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 1،991 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.
މި ބަނދަރުގެ ވެގެން ދާނީ ކޮމަންޑޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށެވެ. ކޮމަންޑޫގައި ހިނގޭ މި ޕްރޮޖެކްޓްގެ އިތުރުންވެސް އެމްޓީސީސީގެ ފަރާތުން އަންނަނީ ރާއްޖޭގެ އުތުރުގަޔާއި ދެކުނުގައިޔާއި މެދުރާއްޖެތެރޭގެ އެކި ރަށްތަކުގައިވެސް ބަނދަރު ހެދުމާއި މަގުހެދުންފަދަ ތަފާތު ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!