އުތުރުގެ ޕޮލިސް ކްލަސްޓާ ފެށުންއައީ 24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ކަމަށާއި، އެ ކްލަސްޓާގައި ގިނަ ރަށްތަކަކުން ގިނަ ޢަދަދެއްގެ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅުން ހުރި މަޢުލޫމާތު ހާމަ ކުރަށްވަމުން އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން އިބްރާޙީމް ނާޒިމް ވިދާޅުވީ އެ 18 ފުލުހުންގެ ދަތުރުގައި ތިލަދުންމަތީގެ ހއ. ހދ. އަދި ށ ގެ ފަސް ރަކަށް ދަތުރުކޮށްފައި ވާކަމަށެވެ.
މިގޮތުން އެ ފުލުހުން ދަތުރުކޮށްފައި ވަނީ ހއ. ދިއްދޫ، ހޯރަފުށި، ބާރަށް، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫއަށެވެ.
ފުރަތަމަ ކޭސް އޮކްޓޯބަރު 6 ގައި
މިދަތުރާއި ގުޅިގެން ފެނުނު ފުރަތަމަ ކޭސް ފެނިފައި ވަނީ 6 އޮކްޓޯބަރު 2020 ގައިއެވެ. މިކޭހާއި ގުޅިގެން ތިން އަތޮޅުގެ ގިނަ ރަށްތަކަކުން ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ރަށްތަކަކީ:
- ހއ. ހޯރަފުށި
- ހއ. އިހަވަންދޫ
- ހއ. ބާރަށް
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ހދ. ކުރިނބި
- ށ. ފުނަދޫ
- ށ. މިލަންދޫ
- ށ. ފޯކައިދޫ
- ށ. ކަނޑިތީމު
ދެވަނަ ކޭސް އޮކްޓޯބަރު 7 ގައި، 8 އޮކްޓޯބަރުގައި އިތުރު ކޭސްއެއް
މި ކްލާސްޓާގެ ދެވަނަ ކޭސް ފެނިފައި ވަނީ އޮކްޓޯބަރު 7 ގައި ކަމަށާއި، އެއީ ދެ ފުލުހުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިގޮތުން މީގެތެރެއިން ފުރަތަމަ މީހާއާއި ގުޅުންހުރި، ސީދާ ބައްދަލުވި 27 މީހެއް ކުޅުދުއްފުށިން ދެނެގަނެވިފައިވާ ކަމަށާއި، ދެވަނަ މީހާއާއި ގުޅުންހުރު، ސީދާ ބައްދަލުވި 37 މީހެއް ދެނެގަނެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޮކްޓޯބަރު 8 ވަނަ ދުވަހު ށ. ފޯކައިދޫން ވެސް ވަނީ މި ކްލާސްޓާއާއި ގުޅުންހުރި ފުލުހަކު ޕޮޒިޓިވް ވެފައިއެވެ. މި ކޭސްއާއި ގުޅިގެން ފޯކައިދޫން 47 ސީދާ ބައްދަލުވި މީހެއް، ފުނަދޫއިން 24 މީހެއް އަދި ފީވަކުން 24 މީހެއް ދެނެގަނެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.
10 އޮކްޓޯބަރުގައި އިތުރު ކޭސްއެއް، 4 ރަށެއްގައި ކޮންޓެކްޓްސް
10 އޮކްޓޯބަރުގައި ޕޮޒިޓިވް ކޭސްއެއް ފެނިފައި ވަނީ ހއ. ދިއްދޫއިންނެވެ. އެ ކޭސްގައި ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން ދިޔަ ފުލުހެއްގެ އަންހެނުންނެވެ. މިކޭސްއާއި ގުޅިގެން 24 ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހއ. ދިއްދޫ، ހޯރަފުށި، އިހަވަންދޫ އަދި ބާރަށުގައި މިވަގުތު ސީދާ ބައްދަލުވި މީހުން ތިބިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި ހދ. އަތޮޅުން ކުޅުދުއްފުއްޓާއިއެކު އިތުރުރަށެއްގައި ސީދާ ބައްދަލުވި މީހުން ތިބިކަން ފާހަގަ ކުރެވިފައިވާކަމަށާއި، ށ. އަތޮޅުން ޖުމްލަ 5 ރަށެއްގައި ސީދާ ބައްދަލުވި މީހުން ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އޮކްޓޯބަރު 15 އަދި 16 ގައި އިތުރު ކޭސްތަކެއް، ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޮކްޓޯބަރު 15 ގައި ކުޅުދުއްފުށިން ފެނުނު ޕޮޒިޓިވް ކޭސްގެ އިތުރުން 16 ވަނަ ދުވަހުގެ ރޭ އިތުރު 4 މީހެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކޭސް ދިރާސާކޮށް ބެލިއިރު ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
''15 ވަނަ ދުވަހުގެ ކޭސްގެ އިތުރުން 16 ވަނަ ދުވަހުގެ ރޭ 4 ކޭސްއެއް ވަނީ ފެނިފައި، އަޅުގަނޑުމެން އިއްޔެގައި އެ ކޭސް އެނަލައިޒް ކުރުމަށްފަހު އެހިސާބުގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް މާނައަކީ ބަލިޖެހުނު މީހާގެ ފަރާތުން އިތުރު ކޮންޓެކްޓްސްއިންނަށް ބަލި ފެތުރިފައިވާ ކަމަށް މިހާރު މިބެލެވެނީ''
ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ފެނުނު ކޭސްއާއި ގުޅުންހުރި، ދަރިވަރުންނާއި، މުދައްރިސުން ފާހަގަ ކުރެވޭ
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ އެންމެ ފަހުން ކުޅުދުއްފުށިން ފެނުނު ކޭސްއާއި ގުޅުންހުރި 154 ކޮންޓކްޓްސް ދެނެގަނެ ވުނުކަމަށާއި، 183 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެ ކޭސްއާއި ގުޅިގެން 15 ސްކޫލް ކުއްޖަކާއި، 7 މުދައްރިސަކާއި އަދި ފުޓްބޯޅަ އެކަޑަމީއަކުނ ް38 ފަރާތެއް ސީދާ ބައްދަލުވި މީހުން ގޮތުގައި ދެނެގަނެވިފައިވާ ކަމަށެވެ.
އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތީ ކުޅުދުއްފުއްޓެވެ. އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!