އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބިގަންނަ ކުޅުދުއްފުށްޓަކީ އުތުރުގެ ''ހިތް'' ކަމަށް ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ.

އެ ''ހިތަށް'' ޒަޚަމެއްވެއްޖެ ނަމަ އޭގެ އަސަރު ސީދާ އަދި ނުސީދާ ގޮތުން ވެސް ނުކުރާނެ ރައްޔިތަކު ހއ. ހދ. އަދި ށ އަތޮޅުގައި ނެތްކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

Ad
rt

ކުޅުދުއްފުށީގެ ރައްޔިތުންވެސް ހިމެނޭހެން މި އަތޮޅުތަކު ރަށްތަކުގެ ރައްޔިތުން ވެސް މިތިބީ ސިހި، އިނގިލީގައި ދައިގަނެގެންނެވެ. އެޗްޕީއޭގެ ޚާއްޞަ ހުއްދަ ތިލަދުންމަށްޗަށް މިފަހަރު މިވަނީ ހިތި ބޭހަކަށްވެފައެވެ. މި ރަށްތަކުގެ ރައްޔިތުން ތިބީ އުތުރުގެ ''ހިތް'' އިތުރަށް ޒަޚަމް ނުވެ ހިނގައިގަންނާނެ ވަގުތެއް، ދުވަހެއްގެ އިންތިޒާރުގައި އެވެ.

ފަސްދީ ދިޔަ ޞަފްޙާތަކުގެ ހިރަފުސް ފޮޅާލައި ބަލައިލުމުން ކުލަވަނީ ކޮޗިން ފެރީގެ އިންތިޒާމުތަކަށާއި އެ މަންޒަރު ލައިވްކުރުމަށާއި މިދިޔަ މަހުގެ ފަހުކޮޅު އުތުރުގައި ފުލުހުން ފާރަގެމަ ބޭނުންކޮށްގެން ހިންގި ހާއްސާ އޮޕަރޭޝަނެއްގައި މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ފަރާތްތަކުން ކަރަންޓީން ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުންނާއި އަމިއްލަ ފަރުދުން ފާޅުކުރަމުން ދިޔަ މަންޒަރެވެ.

އެއަށްފަހު އިވިގެން ދިޔަ ޚަބަރަކީ ''އުތުރު ޕޮލިސް ކްލަސްޓާ'' އެއް އުފެދުނު ޚަބަރެވެ. އެ ކްލަސްޓާއާއި ގުޅިގެން އެންމެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުޅުދުއްފުށި ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ދެން އިވިގެން މިދިޔައީ މި ތިންއަތޮޅުވެސް ހީބި ނަގައިގެންދިޔަ، މޮޅި ސާލު ލެވިގެން ދިޔަ ޚަބަރެކެވެ. ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނި ޚަބަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

ކުޅުއްފުށީ ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމުގައި ހުންނެވި ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް (އެޑަމް) ކުޅުދުއްފުށީގެ ހާލަތު ބަޔާންކޮށްދެމުން ބުނެފައިވަނީ ކުރިން ފަހަރުތަކާ މިފަހަރު ވަރަށް ތަފާތުކަމަށެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ! ލޯކަލް ޓްރާންސްމިޝަންސް ފެނުމަކީ އެހެން ހަރުފަތެއް. ފަހުގެ ތާރީހުގައި މޮނިޓަރިންގއަށް ލައި ނަގާ މިކަމަށް ފަރިތަވެފަ ތިބިނަމަ ވެސް މިފަހަރާ އެހެން ފަހަރުތަކާ ވަރަށް ތަފާތު، ބަލި ކޮންޓެއިން ކުރުމަށްޓަކައި މިހާރު ގަދައަޅާ މަސައްކަތްތަކެއް ކުރައްވަން އެބަޖެހޭ.
އެޑަމް ބުނެފައިވެއެވެ.

ކޯވިޑް-19ގެ ބަލާ އާފާތުގެ ސަބަބުން މާލެއަށް އަރާފޭބުމުގައި ދަތިތަކެއްހުރުމާއި އެކު ރާއްޖޭގެ ގިނަ އަތޮޅު ތަކުގެ ރައްޔިތުންނަށް މާލެ ނޫން ގޮތަކަށް ފެނިފައިވަނީ ވެސް ކުޅުދޫފުއްޓެވެ. މާލޭން އުތުރުގެ ހުރިހާ އަތޮޅުތަކުން ސިއްހީ އަދި ޒަރޫރީ ބައެއް ހިދުމަތްތައް ހޯދުމަށް ކުޅުދުއްފުއްޓަށް އަންނައިރު ދާދިފަހުން ވަނީ މާލެން ދެކުނު އއ މަތިވެރި އަދި އދ އޮމަދޫ ބަޔަކު ބޭސްފަރުވާއަށް އެރަށަށް ގޮސްފައި އެވެ. ކ އަތޮޅުން އަދި ބ އަތޮޅުންވެސް އަންނަނީ ކުޅުދުއްފުއްޓާއި ދެމެދު ސްޕީޓް ލޯންޗެ ފެރީ ބާއްވަމުންނެވެ. މި ޚިދުމަތް ހޯދަމުންދިޔަ ރައްޔިތުންނަށް ވެސް އެ ދޮރު މިވަނީ ބަންދުވެފައި އެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް އެޗްއީއޯސީ ބުނެފައިވާއިރު، އެރަށަކީ އުތުރުގެ ތިން އަތޮޅުގެ ރައްތިޔުން ގިނަ ޚިދުމަތްތަކަކަށް ބަރޯސާވެފައިވާ ރަށެކެވެ. އަދި އެރަށަކީ ސަރަޙައްދުން އެންމެ ގިނަ ޚިދުމަތް ލިބެން ހުންނަ ރަށެވެ. ހަސްފަތާލުގެ އިތުރުން ކްލިނިކާއި، އެއަރޕޯޓުގެ ޚިދުމަތާއި، ޕޯޓުގެ ޚިދުމަތާއި، ދިރާގާއި، އުރީދޫއާއި، ބޭންކާއި މިހެން ގޮސް އެތައް ޚިދުމަތެއް އެރަށުން ލިބެއެވެ.

އެރަށުގެ ސްކޫލްތަކާއި، ކޮލެޖްތަކާއި އަދި ޔުނިވަރސިޓީ ގައި ސަރަޙައްދުގެ ގިނަ ރަށްތަކެއްގެ ދަރިވަރުން އުނގެނެއެވެ. މި ސަބަބަށްޓަކައި ވެސް އެރަށަށް ކުރާން ޖެހޭ ދަތުރުތައް ގިނައެވެ. ކިޔަވާ ކުދިންނާއި ބަލަދު ވެރިންވެސް ކުރާ ދަތުރުތައް ގިނައެވެ.

އެ ރަށުގެ ބާޒާރަކީވެސް ފުރިހަމަ، ގިނަ ބާވަތްތަކެއް ލިބެން ހުންނަ ބާޒާރެކެވެ. އެރަށުގައި މާލެއިން ވެސް ގަންނަން ލިބޭ ހުރިހާ ބާވަތެއް ގަންނަން ލިބެން ހުރެއެވެ. ބޯކޮށާލަން ވިޔަސް، ފޮޓޯ ނަގާލަން ވިޔަސް އެފަދަ އެތައް ޚިދުމަތެއް ރަށްރަށު މީހުން އެރަށުން ހޯދައެވެ.

ކުޅުދުއްފުއްޓަކީ ސަރަޙައްދުގެ ރަށްތަކުން އެތައް ކަމަކަށް ބަރޯސާވެފައިވާ ރަށަކަށްވުމާއިއެކު، މިފަދަ ހާލަތެއް މެދުވެރިވެ، އެރަށަށް ޚިދުމަތް ހޯދަން ނުދެވުމީ އެ ރަށްތަކުގެ ރައްޔިތުންނަށް ވެސް ދިމާވާނެ ވަރަށް ބޮޑު ދައްޗެކެވެ. ހަމަ އެހެންމެ އެރަށުގެ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުން އެހާމެ ބޮޑެވެ.

މިފަހަރު ތިލަދުންމައްޗަށް މިއޮތީ ހާއްސަ ހުއްދައިގެ ބޭސް ވަރަށް ހިތިވެފައި އެވެ. މި ހާއްސަ ހުއްދައިގެ ދަށުން ދަތުރުކުރާ ބައެއް މީހުން ރަށްރަށުގެ އާންމުން ޚިދުމަތް ހޯދާ ތަންތަނަށް ދިއުމަކީ ވެސް ދިމާވަމުން އަންނަ ކަމެކެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިގޮތުން މާލެއިން އަންނަ ސަރުކާރުގެ ބައެއް ޓީމުތަކުން ވެސް، އަމިއްލަ ފަރުދުން ވެސް ރަށްރަށުގެ ސައި ހޮޓާ، ފިހާރަ ތަކަށް ގޮސް އުޅެއެވެ. އުސޫލެއް އޮތް ނަމަވެސް އެ އުސޫލަށް އަމަލު ނުކުރާނަމަ އެކަމުން ނުކުންނާނެ ނަތީޖާވެސް ހިތިވެގެން ދެއެވެ.

ކޮންމެ އަކަސް މިފަހަރު މިއޮތީ ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ ''ހިތް'' ހުއްޓިފައި އެވެ. ދުޢާ އަކީ ވީ އެންމެ އަވަހަކަށް މި ހާލަތުން އަރައި ގަނެވުމެވެ.