ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ.

Ad
rt

ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 17 އޮކްޓޯބަރ 2020، 22:35 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ.

އެލިއުމުގައި ބުނެފައިވަނީ މޮނިޓަރ ކުރެވިފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ވަކި ސަބަބެއް އަދި ސާފެއްނުވެއެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީން ރެންޑަމް 2 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭގައި ވަނީ ހާމަކޮށްފަ އެވެ. އެޗްޕީއޭ އިން ރޭ ހާމަކުރި މައުލޫމާތަށް ބަލާ އިރު، ކުޅުދުއްފުށިން އިއްޔެ 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 2 މީހުންނާއި ރެންޑަމް 2 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 7 ކޭސް އެބަ އުޅެއެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީން ނެވެ.