ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

photo_2020-10-17_20-55-45

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗު ދެ ޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހު އެވަޓަންގެ ގުޑްސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރު ރޮބަޓްޝަން ތަނަވަސްކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ފޯވާޑް ސަޑިއޯ މަނޭއެވެ.

ފުރަތަމަ ހާފުގެ ވިހިވަނަ މިނެޓްގައި އެވަޓަންއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރު މައިކަލް ކީންއެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރަކުން ހަމޭސް ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކީން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގުމަށް ރަނގަޅު ފުރުޞަތެއް ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މަނޭއަށް ލިބިގެން ގޮސްފައިވެއެވެ. މިގޮތުން އެ ހާފުގެ 34 ވަނަ މިނެޓުގައި ރޮބަޓްޝަން އެވަޓަންގެ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ހުސްކޮށް ހުރެ މަނޭ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައިވަނީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު އަނިޔާއަކާއި ގުޅިގެން ލިވަޕޫލުގެ ކެޕްޓަން ވެން ޑައިކް ބަދަލު ކުރިއިރު، ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާއި ގުޅިގެން އެވަޓަންގެ ކެޕްޓަން ކޮލެމަން ވެސް ވަނީ ބަދަލު ކޮށްފައެވެ.

މެޗުގެ ފަހު ހާފުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލުން ލީޑު ނަގާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް މުޙައްމަދު ސަލާހުއެވެ. މެޗުގެ 81 ވަނަ މިނޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެވަޓަންއިން ވަނީ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އެ ޓީމުގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ސީޒަންގައި އެވަޓަން ކުޅުނު ފަސް މެޗުގައި ވެސް އޭނާ ލަނޑު ޖަހާފައިވާއިރު މި މެޗުގައި އޭނާ ކާމިޔާބު ކުރި ލަނޑާއިއެކު މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދުވަނީ ހަތަކަށް އަރާފައެވެ.

މި މެޗުގައި އެވަޓަނަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމުގެ ރިޗާލިސަނަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ތިއާގޯ އަލްކަންޓާރާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެވަޓަން މި ސީޒަންގައި މިހާތަނަށް ކުޅުނު ފަސްމެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށް ލިބުނު 13 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތްއިރު މިރޭ މެޗުން ލިބުނު ޕޮއިންޓާއި އެކު 10 ޕޮއިންޓު ހޯދައިގެން އެ ޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *