ަމި ދައުރު ފުރިހަމަވެގެން ދާއިރު ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދައިދެއްވާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވީ، ޒަމާނީ ފެންވަރަށް ފެނަކައިން އަތޮޅު ތެރޭގައި އިމާރާތްކުރާ އެންމެ ބޮޑު އިންޖީނުގޭގެ ބިންގާ ކުޅުދުއްފުށީ ސިޓީގައި އެޅުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ޔާސިރު ވަނީ މިސަރުކާރުން ކުޅުދުއްފުށިން ދޫކޮށް ނުލަށްވާނެ ކަމަށާއި މި ސަރުކާރުން ކުޅުދުއްފުށި ތަރައްގީކުރާނެކަމުގެ ޔަގީންކަން ވެސް އެ ސިޓީގެ ރަށްޔިތުންނަށް ދެއްވާފައި އެވެ.
އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކޮށް، އެތަކެއް ކުރިއެރުންތަކެއް ހޯދަމުންދާ ކަން ފާހަގަ ކުރަށްވައި ޔާސިރު ވިދާޅުވީ އެގޮތުން ޑޮކްޓަރުންނާއި އިތުރު ވަސީލަތްތައްވެސް އެ ހޮސްޕިޓަލްގައި ފުރިހަމަވެ، ތަރައްޤީވަމުން ދާކަމަށެވެ.
ޔާސިރު ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރާ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ.
މިގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާއިރު، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ގާއިމުކުރަން ނިންމި ނިންމުމަކީ ސީދާ ރައީސް ޞާލިޙްގެ އިސްނެއްގެވުމެއްކަމަށް ޔާސިރު ފާހަގަ ކުރެއްވިއެވެ.
މިހާރު ޚިދުމަތް ފެށިފައިވާ ކޮޗިން-ކުޅުދުއްފުށީ، ފެރީގެ ޚިދުމަތަށް އިޝާރާތް ކުރަށްވާ ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ، އެ ޚިދުމަތުގެ ތެރެއިން ސަރުކާރުން އެ ވަނީ މުދާ އެތެރެކުރެވޭނެ ފަހި ނިޒާމެއް ގާއިމު ކޮށްދީފަކަމަށެވެ.
ރައްޔިތުން އެ ޚިދުމަތުގެ ބޭނުން ހިފައި، ކުރިއަށްދެވޭނެ އެންމެ އުހަށް ކުރިއަށްދިޔުމަށް ޔާސިރު ވަނީ އިއްޔެ ގޮވައި ލަށްވާފައި އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ޔާސިރު ވާހަކަ ދައްކަވަނީ، ފޮޓޯ: ފެނަކަ
2020 ވަނަ އަހަރާ ހަމައަށް އައިރުވެސް އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުނުވާކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ، މިސަރުކާރު އައިސް ފުރަތަމަ ކުރަމުން ދަނީ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކަމަށާއި، މި ސަރުކާރުން 22 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް މިހާރުވެސް ހިންގަވަމުން ގެންދަވާ ކަމަށެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ޔާސިރު ވަނީ ކުޅުދުއްފުށީ ސިޓީގައި ގާއިމު ކުރެވިފައިވާ އިންޖީނުގެ އަކީ ފެނަކައިގެ އިންޖީނުގެތަކުގެ ތެރެއިން އެންމެ ރަނގަޅު ފައިދާއެއް ނެރެވޭ އެއް އިންޖީނުގެކަން ފާހަގަ ކުރަށްވައި، އެކަން އެހެން އޮތް ނަމަވެސް އެ އިންޖީނުގޭގެ ހާލަތު ހުރިހާ ފަރާތްތަކަށްވެސް އެނގޭނެކަމަށް ވިދާޅުވެފައެވެ.
މިއަދާއި ހަމައަށް އައިރުގައި ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަށުގެ ކެޕޭސިޓީއާ އެއްވަރަށް އަޕްގުރޭޑް ނުކުރެވި ހުރުމުގެ ސަބަބުން އެތަކެއް ގެއްލުންތަކެއް މާޒީގައި ރައްޔިތުންނަށް ފޯރާފައިވާކަމަށް ފާހަގަ ކުރަށްވައި ޔާސިރު ވިދާޅުވީ އިއްޔެ އެޅިގެން ދިޔަ ބިންގަލާއިއެކު އުންމީދެއް ލިބިއްޖެ ކަމަށެވެ.
ހަމައެޔާއިއެކު ކުރާ މަސައްކަތުގައި ކުލަ ޖެހޭކަން އެނގިގެންދާކަން ފާހަގަ ކުރަށްވައި، ވޯލްޓޭޖް ދަށްވުމުގެ ސަބަބުން ހިފާގެންގުޅޭ ސާމާނު ހަލާކުވުމާއި އަދި ކަރަންޓް ބިލު ބޮޑުވުން ފަދަ ކަންތައް ތަކަކީ އެތަކެއް ޒަމާންތަކެއް ވަންދެން އެ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންތައްތަކެއްކަން ޔާސިރު ފާހަގަ ކުރެއްވިއެވެ. އަދި ޔާސިރު ވިދާޅުވީ ފެށިގެން އެދަނީ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކަމަށާއި، އެމްޑީޕީގެ ފިލޯސަފީއަކީ ދިވެހިރާއްޖެ ހިންގަން ޖެހޭނީ ލާމަރުކަޒީކޮށްގެންކަން ކަމަށެވެ.
ޒަމާންވީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވި ކަމަށްޓަކައި ރޖ @ibusolih އަށް އަދި ހަކަތައިގެ ކަންތައްތައް ބެލެހެއްޓެވުމުގެ މޭސްތިރި ކަމުގައިވާ އެމްޑީ @myfoona އަށް ހިފެހެއްޓުމެއްނެތް ޝުކުރު ރައްދު ކުރަން https://t.co/zKAXvZR1Y7
— Yasir Abdul Latheef (@YasirLathyf) October 14, 2020
އިއްޔެގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގެ އިތުރުން ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާންވީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ކުޅުދުއްފުށީ ސިޓީގައި އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވި ކަމަށްޓަކައި ރައީސް އިބުރާޙީމް މުޙައްމަދު ޞާލިޙަށާއި އަދި ހަކަތައިގެ ކަންތައްތައް ބެލެހެއްޓެވުމުގެ މޭސްތިރި ކަމުގައިވާ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދަށް ޝުކުރު ދަންވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!