ކުޅުދުއްފުށީ ސިޓީއިން ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ސިޓީއިން މިފަހަރު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެ ސިޓީގެ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. މިއީ ކުޅުދުއްފުށި ސިޓީއިން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް ކެއިން ބުއިންމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާ، އެ ސިޓީގެ ކާނިވަލް ކޮމްޕެނީގެ މީހެކެވެ.
އެ މިހާ ޕޮޒިޓިވްވުމާ ގުޅިގެން، އެމީހާ ދިރިއުޅޭ ގެ މޮނިޓަރިންނަށްލައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށައިފައިއެވެ. އަދި މިހާތަނަށް އެމީހާއާއި ގުޅުން ހުރި 16 ސާމްޕަލެއް ވަނީ ނަގާފައި އެވެ.
ކުޅުދުއްފުށީ ފާޅު ބޯޓު ކޭހާއި ގުޅިގެން ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވެ މިމަހުގެ 11 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، މާލެއިން އެ ސިޓީއަށް ދަތުރުކުރި ފުލުހުންތަކާއި ކޮންޓެކްޓްވެގެން މިހާތަނަށް އެ ސިޓީން ވަނީ ޕޮޒިޓިވް 2 ކޭސް ފެނިފައި އެވެ. މީގެ އިތުރުން ހޯމް ކަރަންޓީނު ހުރި މީހެއް ރިލީސް ސާމްޕަލް ނެގުމުން ވެސް ވަނީ ޕޮޒިޓިވްކަން އެނގިފައި އެވެ.
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި 2 މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!