ޔޫއެފާ ނޭޝަންސް ލީގުގައި އާދިއްތަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަން ކަމުގައިވާ ފްރާންސް އާއި ޔޫރަޕްގެ ޗެމްޕިއަން އަދި ފުރަތަމަ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ދެޓީމް އެއްވަރުވެގެން ނެވެ.
ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފްރާންސްއަށް ލިބުނު އެންމެ ފަހި ފުރުސަތު ލިބުނީ ޕީއެސްޖީގެ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭއަށެވެ. އެމްބާޕެ ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު ލުއި ޕެޓްރީސިއޯ ވަނީ ދިފާއުކޮށްފައެވެ.
ޕޯޗުގަލްއަށް އެންމެ ތަނަވަސް ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރުވަގުތު ތެރޭގައި ޕޯޗުގަލްގެ ކެޕްޓަން އަދި ޔުވެންޓަސްގެ ވިންގަރ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އުމުރުން 35 އަހަރުގެ ރޯނާލްޑޯ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރ ހޫގޯ ލޮރިސްއެވެ. ރޮނާލްޑޯ މިހާތަނަށް ޕޯޗުގަލްގެ ޤައުމީ ޓީމަށް 101 ގޯލް ކާމިޔާބުކޮށްދިން ނަމަވެސް އަދި ފްރާންސް ކޮޅަށް ގޯލެއް ކާމިޔާބު ކުރެވިފައިއެއް ނުވެއެވެ.
މިގުރޫޕްގައި ހިމެނޭ އަނެއް ދެޓީމް ކަމުގައިވާ ސްވިޑެން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗް 2-1ން ކާމިޔާބުކުރީ ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާގެ ގޯލްތައް ކާމިޔާބުކޮށްދިނީ 32 ވަނަ މިނިޓްގައި ނިކޮލާ އަދި 84 ވަނަ މިނިޓްގައި އަންދްރެޖއެވެ. ސްވިޑެންގެ ހަމައެކަނި ގޯލް މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސްއެވެ.

ގުރޫޕްގެ އެއްވަނައިގައި ޕޯޝުގަލް އޮތީ ކުޅުނު ތިންމެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ފްރާންސްއަށްވެސް ތިންމެޗުން ހަތް ޕޮއިންޓް ލިބުނު ނަމަވެސް ޕޯޗުގަލް ކުރީގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ކޮރޮއޭޝިއާ އޮތި ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއި އެކުއެވެ. ގުރޫޕްގެ ފުލުގައި އޮތް ސްވިޑެންވަނީ ކުޅުނު ތިންމެޗުންވެސް ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!