ހދ ކުޅުދުއްފުށިން އެ އަތޮޅުގެ ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބީއާއި ދޭތެރެއިންނެވެ. އަދި ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާއި ކައިރީގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ދޯނިން ދަތުރު ކޮށްފައިވަނީ، 3 މީހެކެވެ. އަދި އެއީ2 ފިރިހެނުންނާއި، އަންހެނެކެވެ. އަދި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް އަފްރާހް ވަނީ ވިދާޅުވެފައެވެ.
ހާދިސާގެ މަޢުލޫމާތު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރިނބީ ކައުންސިލަށް ލިބިފައިވާ ކަމަށް އަފްރާހް ވިދާޅުވެފައިވާއިރު، މިހާރު އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި މި މަޢޫލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ބަންޑުން ޖަހާލާފައިވާ ދޯންޏަށް އެހީތެރިކަން ދިނުމަށް އެ ސަރަހައްދަށްވަނީ އިތުރު ދޯންޏެއް ގޮސްފައެވެ.

ކުރިނބީއަށް ނިސްބަތްވާ "ވިންދު" ދޯނިން ދަތުރުކުރި މީހަކަށް ގެއްލުމެއް ނުވި ނަމަވެސް، ދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދާތަކެއްހެން ވަނީ ކަނޑުއަޑި އަށް ގޮސްފައެވެ. އަދި މިހާތަނަށް އެނގުނު ގޮތުގައި، މި ދޯނި އަޑިއަށް ގޮސްފައިވަނީ ދިޔަ ވުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!